މަޝްހޫރު ވިޔަފާރިވެރިޔާ ރ. ކިނޮޅަހު އޯޝަންވިލާ، ހާމިދު އިސްމާޢިލް (ހާމިދު ސޭޓު)ގެ އަމިއްލަ ޙަރަދުގައި ރ. އަތޮޅުގެ ކޮންމެ ރަށަކުންވެސް އެކަކު ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ފޮނުވުމަށް ނިންމައިފިއެވެ.

ޙައްޖަށް ގެންދާނެ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި ހަވާލުކޮށްފައިވާއިރު، ކައުންސިލްތަކުން މިހާރު އަންނަނީ ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަމުންނެވެ.

މިކަމާއި ގުޅޭ ގޮތުން މީދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން ސާޅީސް އަހަރުން މަތީގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެވިފައިވާނުވާ ފަރާތްތަކަށް ކަމަށެވެ.

މި ކަމަކަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބުދަ ދުވަހުގެ ރޭ10:00 އާއި ހަމައަށެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޙައްޖަަށް ދިއުމަށް އެދިފައިވާނަމަ މި ފުރުސަތު ލިބޭނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ހާމިދު ސޭޓަކީ ދީނީ މިފަދަ ކަންކަމަށް ގިނަ ހޭދަތަކެއް ކުރައްވާ ފަރާތެއްކަން ފާހަގަކޮށްލެވއެވެ.