މީދޫ ޖަމްިއްޔަތުއް ޞަލާހުން އިންތިޒާމްކޮށްގެން ބޭއްވި އެމް.ޖޭ.އެސް ނެޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ހޭރިޔާ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ހޭރިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޒިލީ އެސް.ސީގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. މި މެޗު ހޭރިޔާއިން ކާމިޔާބުކުރީ 51 ޕޮއިންޓް 25 އިންނެވެ.

ޖުމްލަ ތިން ޓީމު ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަންކަން ހޭރިޔާއިން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗެއްވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްގެންކަން ފާހަގަކޮށްލެވެއެވެ. މިއަދު ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޭރިޔާގެ އައިޝަތު ލައިޝާ އަޒްމީލްއެވެ.