މީދޫ ކައުންސިލުން ފެނަކަގެ އިސް މެނޭޖްމެންޓާއި ބައްދަލުކޮށްފިއެވެ.

މިއަދު ފެނަކަ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެލެއްވީ ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު އަދި ކައުންސިލް މެމްބަރު މުޙައްމަދު ޝިހާމްއެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު ވިދާޅުވީ، މި ފެށޭ މަހުގެ ތެރޭގައި އާ ޖެންސެޓެއް ރަށަށް ގެނެވޭނެކަމަށް ފެނަކައިގެ ބޭފުޅުން ވިދާޅުވިކަމަށެވެ. މީގެ އިތުރުން މަސްޖިދުއް ޒިންނޫރައިނި އޭސީ ކުރުމުގެ ކުރިން މިސްކިތުގެ ކަރަންޓު ކޭބަލް ފަލަ ކޭބަލްއަކަށް ބަދަލު ކުރުމާއި ގުޅޭ ގޮތުންނާއި ފެނަކައާއި ހަވާލުކޮށްގެން މިސްކިތުގައި ސޯލަރ ޕެނަލް ހަރުކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށާއި މިކަންކަމަށްވެސް ފެނަކައިން ފެހި ސިގްނަލް ލިބުނުކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ގޭތަކާއި ގުޅޭ މައްސަލަވެސް ފެނަކައިގެ އިސް މެނޭޖްމެންޓާއި ކައުންސިލުން މިއަދު ވަނީ ހިއްސާކޮށްފައެވެ. މިކަމަށް ހައްލު ހޯދައިދިނުމަށް ފެނަކައިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވާކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

ހަމައެއާއެކު ފެނަކައިން މީދޫގައި ފަށާފައިވާ ގޭގޭގައި ސޯލަރ ޕެނަލް ހަރުކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް އަލުން ފެށުމަށް ނިންމާފައިވާކަމަށް ފެނަކައިގެ މެނޭޖުމެންޓުން ވިދާޅުވިކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މީދޫ ކައުންސިލްގެ ފަރާތުން މިހާރު މާލެއަށް ކުރަމުން ގެންދާ ދަތުރުގައި އެކި ކުންފުނިތަކާއި މުއައްސަސާތަކާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރަށުގެ މިސްކިތްތަކަށް ބޭނުންވާ އެކި ސާމާނު ހޯދުމަށްވެސް ކައުންސިލުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.