އާއްމުކޮށް އެންމެންވެސް ދައްކާ ވާހަކައަކީ ތަޢުލީމީ ޤާބިލް ޒުވާނުން މަޖިލީހަށް ކުރިމަތި ނުލާ ވާހަކައެވެ. ދާއިރާއަށް ނިސްބަތްވާ ޒުވާނުން މިކަން ކުރުމަށް ފަސް ޖެހޭ ވާހަކައެވެ. މިވީހާތަނަށް މަޑުއްވަރީ ދާއިރާގެ ގޮނޑިވެސް ފުރުއްވާފައިވަނީ ދާއިރާއާއި ދުރު ބޭފުޅުންނެވެ. މިފަހަރު މި ތާރީޚު ބަދަލުކުރުމަށްޓަކައި ދާއިރާއަށް އޮތް ލޯތްބާއެކު ދާއިރާ ތަމްސީލް ކުރުމަށްޓަަކައި މަޖިލީހަށް ކުރިމަތިލުމަށް ޕީ.ޕީ.އެމް/ޕީ.އެންސީ ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓަކީ ރ. މީދޫ އެރިޔަދޫ، އަޙްމަދު ޒާހިރުއެވެ.

އަޙްމަދު ޒާހިރަކީ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް އެންމެ އެކަށޭނެ ތަޢުލީމީ ޤާބިލް އަދި ތަޖުރިބާހުރި ޒުވާނެކެވެ. އަޙްމަދު ޒާހިރު އެންމެ ފުރަތަމަ ތަޢުލީމު ހާސިލް ކުރީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އަޙްމަދު ޒާހިރުގެ އެންމެ ފުރަތަމަ ވަޒީފާއަކީ މަޑުއްވަރީ ސްކޫލްގެ ޓީޗަރެއްގެ މަޤާމުގައެވެ. އެ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި 2 އަހަރު އަޙްމަދު ޒާހިރު މަސައްކަތްކޮށްފައިވެއެވެ. އޭގެ ފަހުން ޓީޗިންގ ދާއިރާއިން ޑިޕްލޮމާ ކޯސް ފުރިހަމަ ކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރެއްގެ ގޮތުގައި މަސަަައްކަތްކޮށްފައިވެއެވެ. އޭރު އަޙްމަދު ޒާހިރަކީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ލޯބި ލިބިފައިވާ މަރުކަޒުގައި ފާހަގަކޮށްލެވޭ ޓީޗަރެކެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު ރާއްޖޭގެ މަޝްހޫރު ކުންފުނި ލިޓަސްގައި ވަޒީފާ އަދާ ކުރަން ފައްޓާ، 2015 ވަނަ އަހަރު ބެޗެލާސް އޮފް ބިޒްނަސް މެނޭޖްމެންޓް އަދި 2017 ވަނަ އަހަރު މާސްޓާސް އޮފް ބިޒްނަސް މެނޭޖްމެންޓް ކޯސް ވިލާ ކޮލެޖުން ފުރިހަމަކޮށްފައިވެއެވެ. އަހްމަދު ޒާހިރަކީ މިއަދު ލިޓަސްގެ މުހިއްމު މުވައްޒަފެކެވެ. ލިޓަސްގައި މަސައްކަތް ކުރާތާ ދިހަ އަހަރު ވެފައިވާއިރު، މިއަދު އަޙްމަދު ޒާހިރަކީ ލިޓަސް އޮޓޯމޯބައިލްސްގެ ޖެނެރަލް މެނޭޖަރ އަދި ލިޓަސް ގުރޫޕުގެ ޗީފް އޮޕަރޭޓިންގ އޮފިސަރއެވެ. މީގެ އިތުރުން އަޙްމަދު ޒާހިރު އަންނަނީ މިހާރުވެސް ވިޔަފާރި ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ވޮލިންޓިއަރކޮށް މީހުން ބިނާ ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމް/ޕީ.އެން.ސީ ޕްރައިމަރީގައި އަޙްމަދު ޒާހިރު ވާދަކުރާއިރު، ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމާއި ގުޅޭ ގޮތުން އަޙްމަދު ޒާހިރު ބުނީ:

”އަޅުގަނޑުގެ އުފަން ދާއިރާއަށްވުމުން އަބަދުވެސް ދާއިރާގެ ރައްޔިތުންނަށް މާނަހުރި ގޮތެއްގައި ހިދުމަތް ކުރުމަކީ އަބަދުވެސް އުއްމީދު ކުރާ ކަމެއް. ދާއިރާގައި އުޅެ ބޮޑުވުމުން ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަން ހުރި ކަންކަން ވަރަށް ސާފުކޮށް އެނގޭ. މިކަންކަން ކުރުމަށް ސަރުކާރާއި ގުޅިގެން ފުރިހަމައަށް މަސައްކަތް ކުރުމަށް މިހުރީ ތައްޔާރަށް“

އަޙްމަދު ޒާހިރުގެ އަމާޒަކީ ސަރުކާރާއި ގުޅިގެން ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އިންސާނީ ތަރައްޤީ އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ދައުރުގެ ތެރޭގައި ގެނެސްދިނުމެވެ. އަޙްމަދު ޒާހިރުގެ ރޫހު ހުރީ ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލެއް ދާއިރާއަށް ގެނެސް ދިނުމަށެވެ.

”ދާއިރާއަށް ހިދުމަތް ކުރުމަށް ވަށާ ޖެހޭ ތަރައްޤީއަށް ލޯހުޅުވިފައިވާ އަދި 21 ވަނަ ޤަރުނުގެ ގޮންޖެހުންތަކަށް ކުރިމަތިލުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވުމާއެކު ދާއިރާގެ ރައްޔިތުންގެ ބޭނުންތައް އެނގިހުރެ ދާއިރާގެ ވަށާ ޖެހޭ ތަރައްޤީއަށް ކުރަންހުރި ކަންކަމަށް ރައްޔިތުންނާއި ގުޅިގެން ސަރުކާރާއެކު މަސައްކަތް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް“ އަޙްމަދު ޒާހިރު

މިއަދު ދާއިރާގެ ރައްޔިތުން ބޭނުންވަނީ ދާއިރާގެ މަންދޫބެއްގެ ގޮތުން ދާއިރާ ތަމްސީލް ކުރުމަށް ދާއިރާގެ ޒުވާނުން ނިކުމެ ދާއިރާގެ އަޑު އުފުލާ ދާއިރާގެ ހައްޤުގައި ވަކާލާތު ކުރާށެވެ. މީގެ އިތުރުން ދާއިރާގެ ގިނަ ރައްޔިތުންގެ ވިސްނުން ހުރީވެސް ދާއިރާއަށް ތަޢުލީމީ ޤާބިލް ޒުވާނަކު ހޮވާ ދާއިރާއަށް އެންމެ ބޭނުންވާ ތަރައްޤީ ސަރުކާރާއި ގުޅިގެން ގެނެސްދިނުމަށެވެ. މިކަމަށް އަޙްމަދު ޒާހިރު ފުރިހަމައަށް ތައްޔާރުވެފައިވާއިރު، އަޙްމަދު ޒާހިރު އެދެނީ މަޖިލިސް ޕްރައިމަރީގައި ޕާޓީގެ މެމްބަރުން އެ ފުރުސަތު ދެއްވުމެވެ. އަހްމަދު ޒާހިރުގެ ކެމްޕެއިން މޮޓޯގައި ބޭނުން ކުރަމުންދާ ފަދައިން މިފަހަރު މަޑުއްވަރީ ދާއިރާއަށް އެންމެ މޮޅު ގޮތަކީ އައްމަޑޭއެވެ.

ނޯޓް: މިއީ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.