ރ. މީދޫއަށް އުފަން ފުރަތަމަ ޙާފިޡާއަަކަށް ރ. މީދޫ ކުރިބޯށި، ސަޚިއްޔާ އަބްދުލް ޢަނީ ވެއްޖެއެވެ.

ސަޚިއްޔާ ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ޤުރުއާން އެއްކޮށް ކޮމިޓީއަށް ކިޔުއްވާ ނިންމާފައިވަނީ މިއަދުއެވެ. ޙިފްޡު ކޮމިޓީއަށް ޤުރުއާން އެއްކޮށް ކިއުއްވައިދިނުމުގެ ކުރިން ސަޚިއްޔާވަނީ ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކުލާހުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައެވެ.

ސަޚިއްޔާ ރަސްމީކޮށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޙިފްޡު ކުލާހާއި ގުޅިފައިވަނީ 2020 ވަނަ އަހަރުގައެވެ. އަދި ޙިފްޡު ކުލާހުގެ މުރާޖަޢާ ކުލާސް ނިންމުމަށްފަހު ކޮމިޓީއަށް ކިޔުއްވަން ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެންމެ ކުޑައިރުންސުރެ ކީރިތި ޤުރުއާން ކިޔެވުމަށް ހިތުގައި ބޮޑު ޝައުޤެއް އޮތް ސަޚިއްޔާ ވަނީ ރަށު ފެންވަރާއި، އަތޮޅު ފެންވަރުގައި ބޭއްވުނު ގިނަ ޤުރުއާން މުބާރާތްތަކުންވެސް ރަނގަޅު ކާމިޔާބީއެއް ހޯދާފައެވެ.