ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި އަށް ރަށަކުން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކަކީ، މިދިޔަ އަހަރުގެ ޗެމްޕިއަން ދުވާފަރު، އިނގުރައިދޫ، މީދޫ، އަލިފުށި، އުނގޫފާރު، އިންނަމާދޫ، މަޑުއްވަރީ އަދި ރަސްމާދޫއިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އިއްޔެ ވަނީ ހަމަވެފައެވެ.

މިއަހަރުގެ މުބާރާތް ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ހޯސްޓު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ރަށަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިއަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ އުނގޫފާރުގައެވެ.

މި މުބާރާތަކީ މިދިޔަ އަހަރު އަތޮޅު ކައުންސިލުން ބާއްވަން ފެށި މުބާރާތެކެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ ފޯރިގަދަ ފައިނަލް މެޗަކަށްފަހު އިނގުރައިދޫ ބަލިކޮށްގެންނެވެ.