ލިޓަސް މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތައް ގޯޅިގަނޑު އަދި ތަންގަނޑު އެފްސީން ކާމިޔާބުކޮށްފިއެވެ.
ރޭގެ ފުރަތަމަ މެޗު ގޯޅިގަނޑު އެފްސީން ކާމިޔާބުކުރީ އެފްސީ ޔުނައިޓާއި ވާދަކޮށް 5 ލަނޑު ކާމިޔާބުކޮށްގެންނެވެ. ގޯޅިގަނޑުގެ ކޮޅަށް ލަނޑެއް ވަދެފައިނުވާއިރު، އެ ޓީމުގެ ރަޝާދު އަބުދުލް މަތީންވަނީ މިމެޗުގައި 3 ގޯލް ކާމިޔާބުކޮށްދީފައެވެ. އަހުމަދު އާސިފް އަދި ހާޝިމް ޝަފީއު ކޮންމެ ކުޅުންތެރިޔަކު ގޯލެއް ކާމިޔާބުކޮށްދީފައިވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުމީ ގޯޅިގަނޑު އެފްސީގެ މުޙައްމަދު އައްޒާމެވެ.
ދެވަނަ މެޗުގައި ތަންގަނޑު އެފްސީ ފަސޭހަކަމާއިއެކު ކުރިހޯދީ 6 ލަނޑު 0 ލަނޑުން ގޮށްރާޅު ބަލިކުރުމަށްފަހުއެވެ. އަޙުމަދު ހުސައިންވަމީ މެޗުގައި 03 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަލީ ޝިޔާހު 2 ގޯލް ކާމިޔާބުކޮށްދިންއިރު، ތަންގަނޑުގެ ގޯލްކީޕަރ އަހުނަފް އަހުމަދުވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތަންގަނޑު އެފްސީގެ އަޙުމަދު ހުސައިންއެވެ.
މި މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަކުރާނީ ގުރޫޕު އޭގެ ދެ ޓީމުކަމަށްވާ ހަވާސް އެސްސީ އަދި އެފްސީ ޔުނައިޓެޑް އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ގުރޫޕު ބީގެ ލިންކޭޖް ބްރަދާސް އަދި ގޮށްރާޅު އެސް.ސީއެވެ.
މިއަހަރުގެ މުބާރާތް އިންތިޒާމްކުރަނީ މީދޫ ކައުންސިލާއި މީދޫ ޖަމްޢިއްޔަތުއް ޞަލާހު ގުޅިގެންނެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.