މި ހަފްތާގެ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އާދަމް ޝަރީފް މަޑުއްވަރީ ދާއިރާ ތަމްސީލްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ފަހު ދުވަހެއެވެ.
އެ ދުވަހުގެ ޖަލްސާއަށްފަހު މަޖިލިސްއިން ނިކުންނަވާ ފޮޓޯއަކާއެކު މެމްބަރުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ވިދާޅުވެފައިވަނީ، މަޖިލިސް ދޫކޮށްލައްވަނީ ގިނަ އިޙުސާސްތަކަކާއެކުކަމަށެވެ. މީގެ އިތުރުން ’އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު ވަނީ ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.
އާއްމުވެފައިވާ މަޢުލޫތަށް ބަލާއިރު، މާދަމާ ހުވާ ކުރައްވާ އިންތިހާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި މެމްބަރު އާދަމް ޝަރީފް ހިމެނިވަޑައިގަންނަވެއެވެ. އެގޮތުން އާދަމް ޝަރީފް ވެވަޑައިގަންނަވާނީ އާ ސަރުކާރުގައި އަލަށް އުފައްދަވާ ލޯކަލް ގަވާނަންސް މިނިސްޓަރަށެވެ.
ޕީ.އެން.ސީގެ ޓިކެޓުގައި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވާދަކުރެއްވި މެމްބަރު އާދަމް ޝަރީފް، ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ވާދަވެރި އިންތިހާބަކަށްފަހު ވަރަށް ކުޑަ ފަރަޤަކުން އެމް.ޑީ.ޕީ ކެންޑިޑޭޓު އާދަމް ޝިހާމް ބަލިކުރެއްވުމަށް ފަހުގައެވެ.