ލިޓަސް މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުތައް ހަވާސް އަދި ތަންގަނޑު އެފްސީ ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހަވާސް އެސްސީ މެޗު ކާމިޔާބު ކުރީ، ގޯޅިގަނޑު އެސް ސީ އާއި ވާދަކޮށް 2 ލަނޑު 0 ލަނޑުން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިގެން ގޮސްފައިވާއިރު މެޗުގެ ދެ ލަނޑުވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ހަވާސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަވާސް އެސް ސީ ގެ ނާޖިޙު މުޙައްމަދެވެ. ހަވާސް އަށް ލީޑު ފުޅާ ކޮށްދީ މެޗުން ތިން ޕޮއިންޓު ކަށަވަރު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނާޖިޙް ޖަމީލެވެ.

މިރޭގެ ދެވަނަ މެޗު ފަސޭހަ ކަމާއިއެކު ތަންގަނޑު އެފް ސީ ކާމިޔާބު ކުރީ ބައިކޮޅަށް ގޯލެއް ވަނަނުދީ ލިންކޭޖް ބްރަދާސް ކޮޅަށް 13 ލަނޑު ޖެހުމަށްފަހުއެވެ. މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ތަންގަނޑު އެފްސީގެ އަޙްމަދު ޙުސައިން 3 ގޯލް ކާމިޔާބު ކޮށްދިން އިރު، އިބްރާޙިމް ޝަހީރު، އަލީ ޝިޔާހު އަދި ނިޔާފް މުޙައްމަދު ރަޝީދު ވަނީ ކޮންމެ ކުޅުންތެރިޔަކު ވަނީ 2 ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގައި ދެން ފެނިގެންދިޔަ ގޯލްތައް ކާމިޔާބުކުރީ ޝަމްވީލް މުޙާއްމަދު، މުޙައްމަދު ފަރުޙާން، ހާޝިމް އަޙްމަދު އަދި އަޙްމަދު އާމިރުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތަންގަނޑު އެފް ސީގެ އަޙްމަދު ޙުސައިންއެވެ.

މި މުބާރާތުގެ ދެ މެޗު މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.  މިރޭގެ ފުރަތަމަ މެޗުގައި ބައަދަލުކުރާނީ ގުރޫޕް އޭގެ އެފްސީ ޔުނައިޓެޑް އަދި ޒެފްރޯސް އެފްސީއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގާގަނޑު އެފްސީ އަދި ގޮއްރާޅެވެ.

މިއަހަރުގެ ކައުންސިލް ފުޓްސަލް ފިއެސްޓާ ހިންގުން ހަވާލުކޮށްފައިވަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުއަށެވެ. އަދި މުބާރާތުގެ މެއިން ސްޕޮންސާއަކީ ލިޓަސްއެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްރަނަކީ މީދޫ ޓައިމްސްއެވެ.