Follow us on
އެކުވެރިންނޭ، ޢީދު މަޖަލުގައި އުޅުނަސް ފަރުޟު ނަމާދު ނާޅާށެވެ!
| އިބްރާހިމް ރަފްހާން

މިއީ ޢީދުގެ ދުވަސްތަކެވެ. މުސްލިމުންނަށް އިސްލާމީ ތަރަޙައިގެ ތެރެއިން އުފާފާޅު ކުރުމަށް ދެއްވާފައިވާ އުފާވެރި ދުވަސްތަކެކެވެ. އަހަރެމެންގެ ތެރެއިން ގިނަ އަޚުންނާއި އުޚުތުން މި ދުވަސްތަކުގައި ކުޅިވަރުގައި ގިނަ ވަގުތުތަކެއް އަންނަނީ ހޭދަކުރަމުންނެވެ.

އެހެންނަމަވެސް، ވަރަށް ބޮޑު ނަސޭޙަތެއް އެބައޮތެވެ. އެއީ ކިތަންމެ ގިނަ ވަގުތެއް ޢީދު މަޖަލުގައި ހޭދަކުރިނަމަވެސް ފަރުޟު ނަމާދު ނާޅާށެވެ. “ޢީދު އުފަލުގައި” ރޭގަނޑު ހޭދަކޮށްލުމުން ފަތިސް ނަމާދު އެޅި އަދި އެކަމުގައި ދުވާލު ހޭދަކޮށްލުމުން ދުވާލުގެ ނަމާދުތައް އެޅޭކަމަށްވާނަމަ އެފަދައިން ޢީދު ފާހަގަ ކުރުމުގައި އެއްވެސް ހެވެއް ނެތެވެ.

ނަމާދަކީ ތައުހީދުގެ ކަލިމައާއި ވިދިގެންއޮންނަ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ރެއާ ދުވާލު ފަސްފަހަރު ކަނޑަ އެޅިގެންވާ ވަގުތު ތަކެއްގައި ކުރުން ފަރުޟު ވެވިގެންވާ އަޅުކަމެކެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ، އެމީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާހުއްޓެވެ.

އިންސާނާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަމަކީވެސް ނަމާދެވެ. طَبَرَانِي ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. “ޤިޔާމަތްދުވަހު އަޅާގެ މައްޗަށް ފުރަތަމަ އެކަމެއްގެ ޙިސާބުބެލެވޭނީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ރަގަޅުވީއެވެ. އަދި އެފާސިދުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ފާސިދުވީއެވެ.”

ނަމާދަކީ އެންމެ އިސްކަން ދޭން ޖެހޭ ޢަމަލަށްވާއިރު ކުޅިވަރުގެ ސަބަބުން ނަމާދު އެޅޭކަމުގައިވަނީ ނަމަ އަވަހަށް އެކަން ރަނގަޅު ކޮށްލާށެވެ. އެންމެ އިސްކަން ދޭންވާނީ ނަމާދަށެވެ. އެންމެ ފުރަތަމަ ނަމާދެވެ.

ޚިޔާލު ފާޅުކުރައްވާ