ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ އެއް ލީޑަރ އާދަމް ޝަރީފް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓްރީއަކާއި ހަވާލުވެލައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ’އަދަދު‘ ނޫހުން ރިޕޯޓުކޮށްފިއެވެ.
’އަދަދު‘ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެމްބަރު އާދަމް ޝަރީފް ހަވާލުވެވަޑައިގަންނަވަނީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވުމަށް ނިންމާފައިވާ ’ކައުންސިލް‘ ތަކާއި ގުޅޭ މިނިސްޓްރީއަށެވެ. މި މިނިސްޓްރީއަކީ ކައުންސިލްތަކާއި ސަރުކާރާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އުފައްދާ މިނިސްޓްރީއެކެވެ.
މިކަމާއި ގުޅޭ ގޮތުން ’މީދޫ ޓައިމްސް‘ އިން މެމްބަރާއި ސުވާލު ކުރުމުންވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެމްޕީ އާދަމް ޝަރީފް ޖަވާބެއް ދެއްވާފައި ނުވާތީ މިކަން އަދި ޔަޤީން ވެފައެއްނުވެއެވެ.
އެމް.ޕީ އާދަމް ޝަރީފް ގޮނޑި ދޫކުރައްވާ މިނިސްޓަރުކަމަށް ވަޑައިގެންނެވިއަސް، މަޑުއްވަރީ ދާއިރާގެ ބައި އިލެކްޝަން އޮންނާނެކަމަކަށް ނުބެލެވެއެވެ. އެއީ މަޖިލިސް އިންތިހާބާއި ދެމެދު އޮތް ވަގުތު ކުޑަތަންވެފައިވުމުންނެވެ.
ޕީ.އެން.ސީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް އިންތިހާބުވެލެއްވި އެމް.ޕީ އާދަމް ޝަރީފްއަކީ ރައީސް ޔާމިން ސަރުކާރުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރުގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އަދި ޕީ.އެން.ސީ ރިޔާސީ ޕްރައިމަރީގައި ޑރ. މުޢިއްޒާއި ވާދަކުރެއްވީވެސް އެމް.ޕީ އާދަމް ޝަރީފްއެވެ.