2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގެ، މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ ’ކުޑަކުއްޖާ‘ މިނިވަންކުރި ކަމަށް މިއަދު އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރު ކަރެކްޝަންސް ސާވިސްއިން ދޮގުކޮށްފިއެވެ.

އެ ކަމާއި ގުޅޭ ގޮތުން ’މީދޫ ޓައިމްސް’އިން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ދައުރުވަމުންދާ ޚަބަރަކީ ދޮގެއްކަމަށާއި އެފަދަ މަޢުލޫމާތެއް އެ ފަރާތަށް ލިބިފައި ނުވާކަމަށެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ޙުކުމްކޮށްފައިވާ ’ކުޑަކުއްޖާ’ގެ މައްޗަށް ފުރަތަމަ ޖުވަނައިލް ކޯޓުން ހުކުމްކުރީ ކުށް ސާބިތުނުވާކަމަށެވެ. އޭގެ ފަހުން ދައުލަތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރުމުން ހައި ކޯޓުން ހުކުމްކޮށްފައިވަނީ ކުށް ސާބިތުވާކަމަށެވެ.

އަނަސްގެ މަރުގެ މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާތާ ހަ އަހަރު ވެފައިވާއިރު، މި މައްސަލަ ކުރިއަށްދާ ސްޕީޑާއިމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.