ސަރުކާރުން ރ. މީދޫގައި އެޅުމަށް ނިންމާފައިވާ މީދޫ ހޮސްޕިޓަލް އަޅާނެ ބިމަކާއި ގުޅޭ ގޮތުން އަލުން ރައްޔިތުންގެ ޚިޔާލު ހޯދާ ގޮތަށް ކައުންސިލުން ހަމަޖައްސައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އަލުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން މަޝްވަރާކޮށްފައިވަނީ މިހާރު ހޮސްޕިޓަލް އަޅަން ހަަޖައްސާފައިވާ ބިމާއި ބެހޭ ގޮތުން އާއްމުންގެ ގިނަ ޝަކުވާތަކެއް ހުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުމުގައެވެ. އެ ރައްޔިތުންގެ ބައްދަލުވުމަކީ މިދޫގެ ލޭންޑްޔޫޒް ޕްލޭންއަށް އާއްމުންގެ ޚިޔާލު ހޯދުމަށް ކައުންސިލުން ބާއްވަން ހަމަޖައްސާފައިވާ ބައްދަލުވުމެކެވެ.

Advertisement
ރައީސް ޞާލިހުގެ ސަރުކާރުން މީދޫގައި ހޮސްޕިޓަލް އަޅަން ނިންމާ ހެލްތު މިނިސްޓްރީން ބިމެއް ދެއްކުމަށް އެދުމުން ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާ އައްވާބީން މިސްކިތުގެ ދެކުނުން އޮތް ހުސްބިމުގައި ހޮސްޕިޓަލް އެޅުމަށް ފާސްކޮށް އެ ބިންވަނީ ހެލްތު މިނިސްޓްރީއަށް ރަޖިސްޓްރީކޮށްދީފައެވެ. އެހެންނަމަވެސް، މިހާރު ސިއްޙީ މަރުކަޒު ހިންގަމުން އަންނަ ބިމުގައި ހޮސްޕިޓަލް އެޅުމަށް އޭރުވެސް ބައެއް ރައްޔިތުން އެދިފައިވެއެވެ.
ރ. މީދޫ ހޮސްޕިޓަލް އެޅުމަށް މިހާރުގެ ސަރުކާރުން ވަނީ އޮގަސްޓް މަހުގެ ފަހު ކޮޅު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާއި ހަވާލުކޮށްފައެވެ. އެހެންނަމަވެސް އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. އެހެންނަމަވެސް މީދޫގައި ހޮސްޕިޓަލެއް އެޅުމަށް އިންތިޙާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވަޢުދުވެލައްވާފައެވެ.