ރ. ކިނޮޅަހުގައި މިފަހަރު ޢީދު ކުޅިވަރު ނުކުޅުމަށް ކިނޮޅަހު ކައުންސިލުން ނިންމައިފިއެވެ.
ކިނޮޅަހު ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް 19 ގެ އާ އާންމު ހާލަތަށް ރިޢާޔަތްކޮށް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ޢީދު ފާހަގަ ނުކުރުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގައި ބޭއްވި ޢީދު ސްޓައިރިންގ ކޮމިޓީގެ ބައްދަލުވުމެއްގައިއެވެ.
މިގޮތަށް ނިންމާފައިވަމީ މި ދަނޑިވަޅަކީ ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުމަށް އެކަށީގެންވާ ވަގުތެއް ކަމުގައި ނުފެންނާތީ އާއި ރައްޔިތުންނަށް ރައްކާތެރި ގޮތަކީ ގިނަ ބަޔަކު އެއްވެގެން ގެންދާ ހަރަކާތްތައް ކުރިއަށް ނުގެންދިއުންކަމަށް ފެންނާތީކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ކޯވިޑްގެ މި ޙާލަތުގައި ރ. މީދޫގައިވެސް ޢީދު ކުޅިވަރު ކުޅުމަށް ރަސްމީކޮށް ހުއްދަ ނުދިނުމަށް މީދޫ ކައުންސިލުން ވަނީ ނިންމާފައެވެ.