ރ. މީދޫ ކައުންސިލުން ތަރައްޤީ ކުރަމުން އަންނަ ކުޑަކުދިންގެ ޕާކު މި ފެށޭ ޖަނަވަރީ މަހުގެ ކުރީކޮޅަށް ނިންމާލެވޭނެކަމަށް އުއްމީދުކުރާ ކަމަށް މީދޫ ކައުންސިލުން ބުނެފިއެވެ.
ޕާކުގެ މަސައްކަތާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތުދެއްވަމުން މީދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު ވިދާޅުވީ، ޕާކުގެ މަސައްކަތް ނުނިމި ލަސްވެގެންދިޔައީ ޓާފް ދަނޑުގެ މަސައްކަތަށް ގެނެސްފައިހުރި ވެލި ބޭގުތައް ނުނެގި ލަސްވެގެން ދިއުމުންކަމަށެވެ. ދަނޑުގެ ސަބް ބޭސް މަސައްކަތް ނިންމާ ޓާފު އެޅުމުގެ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާއިރު، މިހާރު އަންނަނީ ދަނޑަށް ވެލިއެޅުމުގެ މަސައްކަތް ކުރަމުންނެެވެ.
މަސައްކަތް ހުއްޓި ގަސްބޯވެފައި އޮތް ޕާކު ސާފުކޮށް އެތެރޭގައި ކުލަލުމުގެ މަސައްކަތް މިހާރުވަނީ ކޮށްފަައެވެ. ކައުންސިލްގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ޕާކުގައި ބެހެއްޓުމަށް މިހާރު ގެނެވިފައިވާހުރި ސާމާނުތައް ހަރުކުރުމުގެ މަސައްކަތްވެސް މިފަހަރު ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. މި ސާމާނުތަކަކީ ޔޫތު މިނިސްޓްރީން ހަދިޔާކޮށްފައިވާ ސާމާނުތަކެކެވެ.
މި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ ކައުންސިލްގެ ދައުރުގައެވެ. މިއީ މީދޫ ކައުންސިލުން އިސްނަގައިގެން ރަށުގައި ހަދާ ފުރަތަމަ ކުޑަކުދިންގެ ޕާކުކަން ފާހަގަކޮށްލެވެއެވެ.