ރ. މީދޫގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އައުޓުޑޯ ޖިމްގެ އެކި މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް މީދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، އައުޓުޑޯ ޖިމުގެ ވަށާފާރު ރޭނުމާއި، ޖިމްގެ ވަށައިގެން ރަނިންގ ޓްރެކެއް ހެދުމާއި އަދި ޖިމް ސެޓް ހަރުކުރުމަށް ބޭނުންވާ ބުޑުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރަން ޖެހެނީ ކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކަމަށް ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

މި ބިޑާއި ގުޅޭ ގޮތުން މަޢުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރު ހެނދުނު 11:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށައަޅަން ޖެހެނީ 22 ޑިސެމްބަރުގެ 11:00 ގައި ކައުންސިލް އިދާރާއަށެވެ.

މީދޫގައި އައުޓުޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު ގެނެސްފައި ހުންނަތާ ދެ އަހަރުވާން ގާތްވެފައިވާއިރު، މި މަސައްކަތް ވަނީ އެކި ސަބަބުތަކާއިހުރެ ކުރިއަށްދާ ގޮތް ނުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވި، ޔޫތު މިނިސްޓްރީންވަނީ މި މަސައްކަތް ކައުންސިލުން އިޢުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް ސިޓީއަކުން ކައުންސިލްގައި އެދިފައެވެ.

މީދޫގައި ޤާއިމުކުރާ އައުޓުޑޯ ޖިމަކީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމުކުރާ އައުޓުޑޯ ޖިމުތަކުގެ ތެރެއިން ޖިމެކެވެ.