ރ. މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޓާފް ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުފަށާ މަޑުޖައްސާލާފައިވަނީ ކޯވިޑާއި ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.
މީދޫ ޓައިމްސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މަސައްކަތް އަލުން ފެށުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން ގެންދާކަމަށާއި މިނިސްޓްރީގެ ހުއްދަ ލިބޭހާ އަވަހަކަށް މަސައްކަތް ފަށާނެކަމަށެވެ.
މީދޫ ޓާފް ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރުމަށް މިއަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް މަސައްކަތް ނުފަށާ އުޅެނިކޮށް ކޯވިޑުގެ ސަބަބުން މުޅި ރާއްޖެ ވަނީ ފުރަބަންދުކޮށްފައެވެ.
ރ. މީދޫގައި އަޅާ ޓާފް ދަނޑަކީ ދައުލަތުގެ ބަޖެޓުން 6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ ދަނޑެކެވެ.