Follow us on
މިއަދުގެ މެޗުގައި ރ. މީދޫ ސްޕޯޓްސް ކުލަބުން ބޭނުންކުރި ޖާރޒީ ހާއްސަކުރީ އަނަސްއަށް!
| އިބްރާހިމް ރަފްހާން

މިއަދު ޅ. ހިންނަވަރުގައި ރ. މީދޫ ސްޕޯޓްސް ކުލަބާއި ޤައުމީ 23 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ރ. މީދޫ އެސް.ސީން ބޭނުންކޮށްފައިވަނީ ހާއްސަ ޖާރޒީއެކެވެ.

ކެޕްޓަން މޯލްޑިވްސްއިން ޑިޒައިން ކުރި މި ޖާރޒީން އާކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ މާލޭގައި އަނިޔާވެރިކޮށް މަރާލި ރ. މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ ހަނދާނެއެވެ.

މި ޖާރޒީގައި ބޭނުންކޮށްފައިވާ ޕެޓާރންއަކީ އަނަސްއަށް ޙަމަލާ ދިން ރޭ އަނަަސް ލައިގެން ހުރި ‘ސިފައިންގެ ޑިޒައިން’ ދައްކުވައިދޭ ޓީޝާރޓްއާއި ގުޅުވައިގެން ބޭނުންކޮށްފައިވާ ޕެޓާރންއެކެވެ.

މީގެ އިތުރުން ޖާރޒީގެ ފުރަގަހުގައި ‘އިން ލަވިން މެމޮރީ އޮފް އަވަރ ބްރަދާ ކެޕްޓަން އަނަސް’ މި މޭރުމުން ޖަހާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި ޖާރޒީ ފަރުމާކުރި ‘ކެޕްޓަން މޯލްޑިވްސް’ ގެ ފަރާތުން މުޙައްމަދު އާސިމް، ގުރާ ބުނީ އަނަސް އަކީ މީދޫގެ ޒުވާނުންނާއި އަދި ކެޕްޓަން މޯލްޑިވްސްއާއިވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި އެންމެންގެ އެކުވެރިއަކަށްވުމުން އަނަސްގެ ހަނދާން އަބަދުވެސް އާ ކުރުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އަދި އެ ކުންފުނިން މި ގޮތަށް ޖާރޒީ ފަރުމާ ކުރީ ރ. މީދޫ ސްޕޯޓްސް ކުލަބުގެ މެނޭޖްމެންޓުގެ އެދުމާއި އެއްގޮތަށް ކަމަށްވެސް އާސިމް ފާހަގަކުރިއެވެ.

އަނަަސް ތާއަބަދަށް ވަކިވެގެންދިޔަ ނަމަވެސް އަނަސްގެ ޒިކުރާ މީދޫ ރައްޔިތުން ހާއްސަކޮށް ޒުވާނުން އާ ކުރާނެކަން ޔަޤީނެވެ.

ޚިޔާލު ފާޅުކުރައްވާ