Follow us on
ރ. މީދޫ ކައުންސިލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
| އިބްރާހިމް ރަފްހާން

ރ. މިދޫ ކައުންސިލް އިދާރާގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ރ. މީދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ ފާރުތެޅުމާއި، ފެންވަޅާއި ފެންހަރު ފަދަ ތަކެތި ނެގުމާއި ޢިމާރާތަށް އިތުރުކުރެވޭ ބައިގެ ކޮންކްރީޓް ބުޑުތައް އެޅުމާއި، ފައުންޑޭޝަން އެޅުމާއި، ތަނބުތައް އެޅުމާއި، ރޭނުމާއި، މަތީ ބެރިއެޅުމުގެ އިތުރުން ހިޔާކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޯގަސްޓް 2021 ވާ ބުދަ ދުވަހުގެ މެންދުރުކުރި 11:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމާއި، ހުށައަޅާ ބީލަން ޖެނޑުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2021 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:00 ގައި މީދޫ ކައުންސިލް އިދާރާގައެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށައަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ފުރިހަމަކޮށްފައިވާ އަންދާސީ ހިސާބު، ތަޖުރިބާގެ ލިޔުން، މާލީ ޤާބިލުކަން ކަށަވަރުކޮށްދޭ ލިޔުންތަކުގެ އިތުރުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެކެވެ.

ކައުންސިލް އިދާރާއި ބުނެފަައިވާ ގޮތުގައި މިއީ މަސައްކަތް ކުރާ ފާރާތުގެ އަމިއްލަ ތަކެތީގައި އަމިއްލަ ސާމާނުގައި ކުރާ ގޮތަށް ދޫކޮށްލެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ ބީލަމަށް ޕޮއިންޓް ދެވޭ ގޮތްކަމަށް ކައުންސިލުން ބުނެފައިވަނީ ހުށައަޅާ އަގަށް (އެންމެ ދަށް އަގަށް) 80 އިންސައްތަ، މާލީ ޤާބިލްކަމަށް 10 އިންސައްތަ، ނިންމާ މުއްދަތަށް 5 އިންސައްތަ އަދި ތަޖުރިބާއަށް 5 އިންސައްތައެވެ.

ކައުންސިލް އިދަރާގެ އެކްސްޓެންޝަން އިމާރާތް ނިމިގެންދާއިރު އެތަނުގައި ކޮންފެރެންސް ރޫމްއެއްގެ އިތުރުން ޓީ ރޫމްއަކާއި ޕްރެޔަރ ރޫމްއެއްވެސް ހިމެނިގެންދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ