Follow us on
މޮނިޓަރިންގ ހާލަތުން ނެގި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިއްމު!
| އިބްރާހިމް ރަފްހާން

ކޯވިޑް 19 ގެ ކޭސްތަކެއް ފެނި ރ. މީދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު ފައްސިވެފައިވަނީ ޢަލާމާތްތައް ފެނިގެން ޓެސްޓުކުރި ‘ހަޒާރު ބޯޓު’ ގެ ހަތަރު ފަޅުވެރިންނެވެ.

ފުރަތަމަ ފައްސިވި ފަރާތްތަކުގެ ކޮޮންޓެކްޓް ޓްރޭސިންގއަށް ބައެއް މީހުންގެ ފަރާތުން އެއްބާރުލުން ނުލިބުމާއެކު ހަމަ އެދުވަހު ޓާސްކްފޯސްގެ ލަފާގެ މަތިން މުޅި ރަށް 4 ދުވަހަށް ފުރަބަންދުކުރިއެވެ. ފުރަތަމަ ކޭސް ފެނުނު ދުވަހުން ފެށިގެން އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު އެކި ފަރާތްތަށް ދިޔައީ ބައްޔަށް ފައްސިވަމުންނެވެ.

މިގޮތުން ފުރަތަމަ 4 ދުވަހުވެސް މީހުން ފައްސިވަމުންދިއުމާއެކު ފުރަބަންދުގެ ހާލަތު މުއްދަތެއް ނެތް ގޮތަށް ވަނީ އިތުރުކޮށްފައެވެ. އޭގެ ފަހުން ރަށުގެ އެކްޓިވް ކޭސްގެ އަދަދު 55 އަށް އަރައިގެންދިޔައިރު ފުރަބަންދުގެ ހާލަތުގައި ރައްޔިތުންގެ ފަރާތުން ވަނީ ފުރިހަމަ އެއްބާރުލުން ލިބިފައެވެ. ކައުންސިލާއި ސިއްޙީ މަރުކަޒުންވެސް މިކަން ފާހަގަކުރެއެވެ.

މޮނިޓަރިންގ ހާލަތުގެ ކުރީކޮޅު ރަށުން ގިނަ ކޭސްތަކެއް ފެނުންނަމަވެސް ފަހުން ބަލި ފެތުރުން ކޮންޓްރޯލްކުރެވި ރަށް އާއްމު ހާލަތަށް ގެންދިއުމަށް މަސައްކަތް ފަށާ ރެންޑަމް ސާމްޕަލް ނެގިއެވެ. މީގެ ތެރެއިން ފުރަތަމަ ނެގި 60 ރެންޑަމް ސާމްޕަލް ނައްސިވުމުން އިތުރު 81 ސާމްޕަލް ނެގިއެވެ. މި 81 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލް ފައްސިވުމާއެކު މޮނިޓަރިންގ ހާލަތުން ނުނެގިދާނެކަމުގެ ބިރު އޮތެވެ.

އެހެންނަމަވެސް، ރަށުގެ ހާލަތަށް ބަލާ ސިއްޙީ މަރުކަޒާއި ކައުންސިލްގެ ރިކުއެސްޓާއެކު އެޗް.ޕީ.އޭއިން މިވަނީ މިއަދު ރަށް މޮނިޓަރިންގ ހާލަތުން ނަގާފައެވެ.

“މޮނިޓަރިންގ ހާލަތުން ނެގި ނަމަވެސް ރަށުން އެއްކޮށް ބަލި ފިލައިފިކަމަށް ދެކެން އަދި އަވަސް _ ކޮމިއުނިޓީ ހެލްތް އޮފިސަރ އަޙްމަދު ނާޒިމް

ރަށް މޮނިޓަރިންގ ހާލަތުން ނެގި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް އަދި ރަށުން ބަލި އެއްކޮށް ފިލައިފިކަމަށް ދެކެން އަވަސްވުމާއިއެކު މާސްކު އަޅާ ގައިދުރުކޮށް އުޅުމަށް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ރަށް މޮނިޓަރިންގ ހާލަތަށް ގެނެވުމުން ގިނަ ރައްޔިތުންތަކަކަށް ދަތި ތަކާއި ކުރިމަތިލާން ޖެހޭއިރު މި ހާލަތަށް ނުގޮސް ވާނީ އަހަރެމެން އެންމެން އެއްބާރުލުންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. ހާއްސަކޮށް މި ދުވަސްތަކުގައި ކޮންޓެކްޓުވާ މީހުންގެ އަދަދު ވީހާވެސް މަދުކޮށް ކިރިޔާވެސް ބަލީގެ ޢަލާމާތެއް ފެންނަ ނަމަ ގޭގައި އެކަހެރިވެ ސިއްޙީ މަރުކަޒަށް އެކަން އެންގުމަކީ ވަރަށް މުހިއްމުކަމެކެވެ.

މިވީހާތަނަށްވެސް ރ. މީދޫގެ ރައްޔިތުންވަނީ ‘ބަސް އަހާ’ ރައްޔިތުންތަކެއްކަން ސާބިތުކޮށްދީފައެވެ. މިކަމުން އަރައިގަނެވޭނީ ކުރިއަށް އޮތްތާވެސް މިގޮތަށް ޢަމަލުކޮށްގެންނެވެ.

 

ޚިޔާލު ފާޅުކުރައްވާ