Follow us on
ކޯވިޑާއި ގުޅިގެން ރ. އަތޮޅަށް ކަނޑައެޅުއްވި މަންދޫބު ‘އަޅާނުލައްވާ’ ކަމުގެ ޝަކުވާ!
| އިބްރާހިމް ރަފްހާން

ރާއްޖޭގެ ކޯވިޑްގެ ހާލަތު އޮތް ގޮތް ގާތުން ބެއްލެވުމަށް ރައީސުލްޖުމުޙޫރިއްޔާ ކޮންމެ އަތޮޅަކަށްވެސް މަންދޫބެއް ކަނޑައަޅުއްވާފައިވާއިރު، ރ. އަތޮޅަށް ކަނޑައަޅުއްވާފައިވާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ހާޝިމް ރ. އަތޮޅުގެ ކަންކަމުގައި އަޅާނުލައްވާ ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފަހުން ކުރީ ކޮޅު ގަވާއިދުން ހާލަތު ބެއްލެވި ނަމަވެސް ހާލަތު ބެއްލެވުމަށް ނުގުޅުއްވާތާ 22 ދުވަސް ފަހުން މިއަދު ގުޅުއްވިކަމަށެވެ. ފާއިތުވެދިޔަ ދުވަސްތަކަކީ ރ. އަތޮޅުގެ ކޯވިޑްގެ ހާލަތު ގޯސް ދުވަސްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ހާޝިމްއަށް މަންދޫބުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވި ފަހުން އަތޮޅުގެ ކޯވިޑް ހާލަތު ދެނެގަނެ ހޯދުމަށް އެކުލަވާލި ކޮމިޓީއާއި ބައްދަލުކުރެއްވުމަށް ހާޝިމް ބޭނުންވެލެއްވި ދުވަހު ބުނުއްވި ގަޑީގައި މީޓިންގ ހަމަޖެއްސެވުމުންވެސް މީޓިންގގައި ބައިވެރިވެލައްވާފައި ނުވާކަމަށްވެސް ނާސިފް ވިދާޅުވިއެވެ.

ރ. އަތޮޅު ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުވެފައިވާ ނުވާއިރު އަލިފުއްޓާއި މީދޫ، ފައިނު އަދި ދުވާފަރުވެސް އޮތީ މޮނިޓަރިންގ ހާލަތުގައެވެ. މިއަދު ެއެކަނިވެސް ރ. ދުވާފަރުން 34 މީހުން ކޯވިޑަށް ފައްސިވިއިރު މީދޫއިންވެސް ވަނީ 10 މީހުން ފައްސިވިފައެވެ. އަލިފުށި އަދި ފައިނުގެ ޙާލަތު އަންނަނީ މިހާރު ރަނގަޅުވަމުންނެވެ.

 

ޚިޔާލު ފާޅުކުރައްވާ