Follow us on
ރ. އަތޮޅުގެ ރަށްތަކުގައި ކުނި މެނޭޖުކުރުމަށް އަތޮޅު ކައުންސިލުން ކޮންމެ ރަށަކަށް 25،000 ރުފިޔާގެ އެހީތެރިކަމެއް!
| އިބްރާހިމް ރަފްހާން

ރ. އަތޮޅުގެ 15 ރަށުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރުމަށް ރ. އަތޮޅު ކައުންސިލްގެ ބަޖެޓުން 25،000 ރުފިޔާގެ މާލީ އެހީތެރިކަމެއް ރ. އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކަށް ފޯރުކޮށްދީފިއެވެ.

މިކަމަށް ރ. އަތޮޅު ކައުންސިލްގެ ބަޖެޓުންވަނީ 375،000 ރުފިޔާ ހޭދަކޮށްފައެވެ. މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާޞިފް ވިދާޅުވީ، މިކަމަކީ ނިމިގެންދިޔަ 3 ވަނަ ދައުރުގެ ކައުންސިލުން ކުރަން ނިންމާފައިވާކަމެއް ކަމަށާއި، މިކަމުގެ ކްރެޑިޓް ހައްޤުވަނީ ކުރީގެ ކައުންސިލަށް ކަމަށެވެ.

ނާޞިފް އިތުރަށް ވިދާޅުވީ، ކުރީގެ ކައުންސިލުން 25،000 ރުފިޔާ ހަމަޖައްސަން ނިންމާފައިވަނީ ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް ރަށު ޕިކަޕު ދިނުމުގެ މަޤުސަދުގައިކަމަށާއި އެހެންނަމަވެސް ބައެއް ރަށްތަކުގައި ޕިކަޕު ބޭނުން ކުރަމުންދާތީ ކައުންސިލްތަކުން ފައިސާ ދިނުމަށް އެދުމުން އެގޮތަށް އެކަން ކުރެއްވީކަމަށެވެ. މީގެ އިތުރުން މިކަމުގެ އިތުރު މަޤުސަދަކީ ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށްވެސް ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ، މިގޮތަށް އެހީތެރިކަން ދިނުމަށް ބޭނުންކުރި ފައިސާއަކީ އަތޮޅު ކައުންސިލްގެ އެކި ވަސީލަތްތައް ވިޔަފާރިގެ ބޭނުމަށް ބޭނުންކޮށްގެން ހޯދާފައިވާ ފައިސާކަމަށެވެ.

މީގެ ކުރިންވެސް އަތޮޅު ކައުންސިލުންވަނީ ރަށްރަށުގެ އެކި ކަންކަމަށް މިފަދައިން އެހީތެރިވެދީފައެވެ.

ޚިޔާލު ފާޅުކުރައްވާ