Follow us on
ނަފްރަތުގެ ބިލް އަންބުރާ ނެގުމަށް އިލްތިމާސްކޮށް 101 ޢިލްމުވެރިންގެ ސޮޔާއެކު ރައީސްއަށް ޕެޓިޝަނެއް!
| އިބްރާހިމް ރަފްހާން

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ‘ނަފްރަތުގެ ޢަމަލު ހިންގުން މަނާކުރާ’ ބިލް އަނބުރާ ނެންގެވުމަށް 101 ދީނީ ޢިލްމުވެރިންގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުއަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިސްނަގައިގެން ހުށައަޅާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ސަރުކާރުން ހުށައަޅާފައިވާ ބިލުގެ ސަބަބުން މުޖުތަމަޢުގައި އިސްލާމްދީނާއި ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލާއި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި އެނޫން ރައްޔިތުންނަށްވެސް ހުރަސް އެޅިގެންދާނެކަމެއް ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީނާއި ދެކޮޅު ސެކިއުލަރ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތް ކުރާ މީހުންނާއި ދެކޮޅަށް އިސްލާމްދީނުގެ ޣީރަތްތެރިކަން ހުންނަ މީހަކު ބުނާ ބަހެއްގެ ސަބަބުންވެސް އެމީހަކާއި މެދު ފިޔަވަޅު އެޅި އަދަބު ލިބޭނެ ގޮތަށް އެ ބިލު އޮތުމުން ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބިލުގެ ސަބަބުން ލިބިގެންދާނެ ފޫނުބެއްދޭވަރުގެ ގެއްލުންތަކުން ސަލާމަތްވުމަށް މި ބިލް އަނބުރާ ނެންގެވުމަށް ރައީސްއަށް އިލްތިމާސްކުރާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލަކީ ރާއްޖޭގައި ސެކިއުލަރިޒަމް ފެތުރުމަށް ފުރުސަތު ލިބޭ ގޮތަށް ހުށައަޅާފައިވާ ބިލަކަށް ވާތީ ‘ބޭން ސެކިއުލަރ ބިލް’ ގެ ނަމުގައި ޖަމްޢިއްޔަތުއް ސަލަފާއި ރާއްޖޭގެ ދީނީ އިލްމުވެރިން ގުޅިގެން އަންނަނީ ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ. މި ކެމްޕެއިނުގައި ބައިވެރިވެ މިހާތަނަށް ރާއްޖޭގެ 85 ކައުންސިލަކުންވަނީ ބަޔާންވެސް ނެރެފައެވެ.

ސަރުކާރުން ހުށައަޅާފައިވާ މި ބިލު މަޖިލީހަށް ބަލައިގަނެ ބިލު ދިރާސާ ކުރުމަށް މިހާރުވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ