Follow us on
އާ ކައުންސިލުން ބޭނުންވަނީ ރައްޔިތުންގެ މަޝްވަރާ ހޯދައިގެން އެކަށޭނެ ބިމެއްގައި ޖިމް ހަދަން!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖިމް ހެދުމަށް އަލަށް ހަވާލުވި ކައުންސިލުން ބޭނުންވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ކައުންސިލްގެ ރައީސް ހަސަން ޝަރިފް ވިދާޅުވެއްޖެއެވެ.

މީދޫ ޓައިމްސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ޖިމް އެޅުމަށް ހަމަޖެހިފައިވާ ބިމާއި މެދު ރައްޔިތުންގެ މަޝްވަރާ ހޯދަން ޖެހޭކަމަށް ދެކޭ ކަމަށާއި އެހެން ބިމެއްގައި ޖިމް އަޅާނަމަ އެކަން ކުރެވޭނީ ތަރައްޤީގެ ޕްލޭން ފާސްކޮށްގެން ކަމަށެވެ.

އަދި 3 މަސް ދުވަސްތެރޭގައި ހެދުމަށް ޤާނޫނު ލާޒިމްކުރާ 5 އަހަރުގެ ފައިނޭންޝަލް ޕްލޭން އަދި ތަރައްޤީގެ ޕްލޭން ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި މިކަން ޔޫތު މިނިސްޓްރީއަށްވެސް އަންގާފައިވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އިންޑިޔާ ސަރުކާރުގެ އެހީގައި ރ. މީދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޖިމް އެޅުމަށް ކުރީގެ ކައުންސިލުން ބިމެއް ހަމަޖައްސާފައިވީ ނަމަވެސް އެ ބިމާއި މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުއްޓެވެ. ޖިމްގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފައިވީ ނަމަވެސް މިދޫގައި އަދި މިހާތަނަށް މަސައްކަތް ފަށާފައެއް ނުވެއެވެ.

މީދޫގެ ޖިމްގެ މަސައްކަތާއި ގުޅޭ ގޮތުން ޔޫތު މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ