Follow us on
ރ. މަޑުއްވަރީ ކައުންސިލްވެސް ‘ސެކިއުލަރ ބިލް’ އާއި ދެކޮޅު!
| އިބްރާހިމް ރަފްހާން

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލް އުޤޫބާތަށް ހުށައަޅާފައިވާ އިސްލާޙާއި ދެކޮޅު ކަމަށް ރ. މަޑުއްވަރީ ކައުންސިލުން ބުނެފިއެވެ.

މަޑުއްވަރީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިންގެ ދީނާއި ކުޅެ ދީނާއި ގުޅުވާ ސަމާސާ ކުރުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނާނެކަމެއް ނޫންކަމަށާއި ސަރުކާރުން ހުށައަޅާފައިވާ އިސްލާހަކީ އިސްލާމްދީނާއި ދުރު އިސްލާހެއްކަމަށެވެ.

މީގެ އިތުރުން، އެ އިސްލާޙަކީ ދީނާއި ދުރުވާން ހިތްވަރު ލިބޭގޮތަށް ދީނަށް ފުރައްސާރަކުރާ ބަޔަކަށް އެކަމަށް ޤާނޫނީ ހިމާޔަތް ލިބިދޭގޮތަށް ފަރުމާކޮށް ލިޔެފައިވާ އިސްލާހެއްކަމަށްވެސް މަޑުއްވަރީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މަޑުއްވަރީ ރައްޔިތުންނާއި މަޑުއްވަރީ ކައުންސިލުން މި އިސްލާޙު ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން ހުށައަޅާފައިވާ އިސްލާޙާއި ދެކޮޅަށް ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔަތުއް ސަލަފް ގުޅިގެން ‘ބޭން ސެކިއުލަރ ބިލް’ ގެ ނަމުގައި ކެމްޕެއިނެއް ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ