Follow us on
ކޯވިޑު ކޮންޓްރޯލް ކުރުމަށް ރ. ދުވާފަރުގައި ހަވީރު 4:00 އިން ފެށިގެން ކާފިއު ހިންގަނީ
| އިބްރާހިމް ރަފްހާން

ރ. ދުވާފަރުގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ ކޯވިޑު ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދުވާފަރު ކައުންސިލުން ނިންމައިފިއެވެ.

ދުވާފަރު ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑު ކޮންޓްރޯލްކުރުމަށް ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އާއިހަމައަށް ކާފިއު ވަގުތު އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިހާރުވެސް ދުވާފަރުގައި އަންނަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އާއިހަމައަށް ކާފިއު ހިންގަމުންނެވެ.

މީގެ އިތުރުން ދުވާފަރުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމާއި، ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމާއި، އެއްފަހަރާއި ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާއްމު ތަންތަނުގައި އެއްވެ އުޅުން ހުއްޓާލުމާއި ހޮޓާތަކާއި ކެފޭ ރެސްޓޯރެންޓުތަކުގައި ހަމައެކަނި ޓެކްއަވޭ އަދި ޑެލިވަރީގެ ހިދުމަތްދޭ ގޮތަށް ހަމަޖެއްސުމެވެ.

ދުވާފަރުގައި މިހާރު ފެތުރެމުންދާ ‘ސަމަންދަރު ބޯޓު ކްލަސްޓަރ’ އިން އެންމެ ފުރަތަމަ ފައްސިވީ އެ ބޯޓުގެ 2 ފަޅުވެރިންނެވެ. އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން އިތުރު ބަޔަކު ފައްސިވެފައިވާއިރު މި ކްލަސްޓަރއާއި ގުޅިގެން ޖުމްލަ 12 މީހުންވަނީ ކޯވިޑަށް ފައްސިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ