Follow us on
ރ. މީދޫގައި ކަރަންޓީނުގެ އުސޫލުތައް ހަރުކަށިކޮށްފި، ދެން އަވި ދާ ބޭނުން ނުކުރެވޭނެ!
| އިބްރާހިމް ރަފްހާން

ކޯވިޑާއި ގުޅިގެން ކަރަންޓީނަށް އަންނަ ފަރާތްތަކުން ޢަމަލު ކުރަން ޖެހޭ އުސޫލުތަށް މީދޫ ޓާސްކްފޯސްގެ ލަފާއާއިއެކު ކައުންސިލުން ހަރުކަށިކޮށްފިއެވެ.

މީދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އުސޫލު ހަރުކަށިކޮށް މީގެ ފަހުން ރަށުތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ހައި ރިސްކް ރަށްރަށުން ނުވަތަ ރިޒޯޓަކުން އަންނަ ފަރާތްތައް މިހާރު މީދޫގައި މީހުން ދިރިއުޅޭ ގޭގައި ކަރަންޓީނު ނުވެވޭނެކަމަށެވެ. އެގޮތުން ކަރަންޓީނުވާން ޖެހޭނީ މީހުން ދިރިނޫޅޭ ގެތަކުގައިކަމަށާއި ނަމަވެސް އެނޫންތަނެއްގައި ހުރެވޭނީ ކައުންސިލާއި ސިއްޙީ މަރުކަޒުން ބަލާ ހުއްދަ ދެވޭ ތަންތަނުގައިކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކަރަންޓީނުގައި ތިބޭ ފަރާތްތަކުން އެއްވެސް ހާލަތެއްގައި ފެސިލިޓީން ބޭރަށް ނުނިކުތުމަށްވެސް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. ހަމައެއާއެކު ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށްރަށުން/ ރިޒޯޓުތަކުން އަންނަ ފަރާތްތައް ގޭގައި ފެސިލިޓީ ޤާއިމްކުރާއިރު ކައުންސިލް، ހެލްތު ސެންޓަރ އަދި ފުލުހުން ބަލާ ޗެކްކުރާނެކަމަށާއި ޓާސްކްފޯސްއިން ކަނޑައަޅާ މިންގަނޑަށް ފެތެންޖެހޭނެކަމަށްވެސް އިޢުލާނުގައިވެއެވެ. ޓާސްކްފޯސްގެ މިންގަނޑު ފައިނަލްކޮށް މިއަދު އިޢުލާން ކުރާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން ކަރަންޓީނުގައި ހުންނަ ފަރާތްތަކަށް ޒިޔާރަތް ނުކުރަމށާއި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި އެންމެ ފަރާތެއް ދިއުމަށާއި ކަރަންޓީނުގައި ތިބޭ ފަރާތްތައް ކެއުމަށް ޑިސްޕޯސަބަލް ތަށި ބޭނުންކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ކައުންސިލުން ބުނެފައިވަނީ ޓާސްކްފޯސްގެ ފަރާތުން އަަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކީވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއްކަމުން ހުރިހާ ރައްޔިތުންވެސް އެއްބާރުން ދެއްވުން އެދޭކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ