Follow us on
މުޅި ޙަޔާތް ރަށަށް ހިދުމަތް ކުރުމުގައި، އަންހެނުން ކޮމިޓީއަށް މިފަހަރު އާސިމާ!
| އިބްރާހިމް ރަފްހާން

ރ. މީދޫ ނަފާ، އާސިމާ ޢީސާއަކީ ދެކެފަރިތަ މޫނެކެވެ. އެންމެންނާއިވެސް ގުޅޭ، އިޖުތިމާޢީ ކަންކަމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފިސާރި ކަނބަލެކެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިތުރަށް ބާރުވެރިކޮށް ފުރަތަމަ ފަހަރަށް އާއްމު އިންތިހާބެއްގެ ތެރެއިން އަންހެނުން ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރުމަށް ތައްޔާރުވަމުންދާއިރު ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ އާސިމާ ޢީސާއަކީ އެ މަޤާމަށް އެންމެ ފުރިހަމަ އެއް ކަނބަލެވެ.

އުމުރުން އެންމެ 18 އަހަރުން ފެށިގެން ރަށާއި އަވަށުގެ އެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އާސިމާ ވަނީ މީދޫ ޖަމްޢިއްޔަތުއް ޞަލާހުގެ ހިންގާ ކިމީޓީގެ މެމްބަރުކަން މެދު ކެނޑުމެއްނެތި 27 އަހަރު ކޮށްފައެވެ. މީގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީ.ޓީ.އޭ ގެ ބޯޑު މެމްބަރުކަމާއި 2019 އަދި 2020 ވަނަ އަހަރު ޕީ.ޓީ.އޭގެ އެކަޑެމިކް ކޮމިޓީގެ ޗެއަރޕާސަންގެ މަޤާމުވެސް އާސިމާވަނީ އަދާކޮށްފައެވެ.

އާސިމާއަކީ އަންހެނުންގެ ކޮމިޓީގެ މަސައްކަތްތަކަށްވެސް ފަރިތަ ކަނބަލެކެވެ. އެގޮތުން އަންހެނުންގެ ކޮމިޓީގެ މެމްބަރުކަން 2 ދައުރެއްގައި އަދާކޮށްފައިވާއިރު އޭރުވެސް އަދި މިހާރުވެސް ރަށް ސާފުކޮށް ކުނިކަހާ ހެދުމުގައި އެންމެ އިސްކޮށް ފެންނަ އެއް މޫނަކީވެސް އާސިމާއެވެ.

އާސިމާގެ އުއްމީދަކީ ދުނިޔޭގައި ހުރިހާ ހިނދަކު ރަށު ރައްޔިތުންގެ ހިދުމަތުގައި އުޅުމެވެ. މިކަމަށް މިވަގުތު އާސިމާއަށް އެންމެ ބޭނުންވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަމަށް ރައްޔިތުންގެ ތާޢީދާއި ވޯޓެވެ. އާސިމާގެ ކެންޑިޑޭޓު ނަމްބަރަކީ 6 އެވެ.

ޚިޔާލު ފާޅުކުރައްވާ