ރ. އަތޮޅުގެ 6 ކައުންސިލެއްގެ ސެކެޓެރީ ޖެނެރަލުންނަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން އިން ސިވިލް ސާވިސް ކޮމިޝަނަށް އަންގައިފިއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއްވަނީ މި ނޫހަށް ލިބިފައެވެ. ފިޔަވަޅު އަޅަން އަންގާފައިވާ ރ. އަތޮޅުގެ ކައުންސިލްތަކަކީ މާކުރަތު، ރަސްގެތީމު، ފައިނު، ކިނޮޅަހު، ހުޅުދުއްފާރު އަދި ރަސްމާދޫ ކައުންސިލެވެ.
މި ކައުންސިލްތަކަށް ފިޔަވަޅު އަޅަން އަންގާފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސުން ރިވައިޒްކޮށްފައިވާ ބްލޮކް ގްރާންޓް ސީލިންގ އާއި އެއްވަރަށް ލޯކަލް ކައުންސިލްތަކުގެ 2020 ވަނަ އަހަަރުގެ ބްލޮކް ގްރާން ބަޖެޓް ރިވައިޒްކުރުމާއި ރިވައިޒްކުރެވިފައިވާ ގްރާންޓުގެ ތެރޭގައި ހަރަދުތައް ހިފެހެއްޓުމަށް އަންގާފައިވީނަމަވެސް މި ކައުންސިލްތަކުން ރިވައިޒްކޮށްފައިވާ ބްލޮކްގްރާންޓުގެ ސީލިންގއަށްވުރެ އިތުރަށް ހަރަދުކޮށްފައިވާތީއެވެ.
ރ. އަތޮޅު 6 ކައުންސިލެއްގެ އިތުރުން އިތުރު 40 ރަށެއްގެ ކައުންސިލްތަކަށް ފިޔަވަޅު އެޅުމަށްވެސް މި ސިޓީގައި އަންގާފައިވެއެވެ.