Follow us on
ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.
| އިބްރާހިމް ރަފްހާން

ލިޔުނީ: އަލް އުޚްތު ބިންތު ޢަލީ ޒާހިރު / ދި ސަލައްފިއްޔާ

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށްވެސް ބުރަ މަސައްކަތެވެ. އަދި ބޮޑު މަސްއޫލިއްޔަތެކެވެ. ވަރަށް މަތިވެރި ޤުރުބާނީއަކާ އެކު ނޫނީ ނުކުރެވޭނެ ކަމެކެވެ. އަދި ތިމާގެ މަސްއޫލިއްޔަތު އެންމެ ރަނގަޅު ގޮތުގައި އަދާކޮށްގެންނޫނީ ނުކުރެވޭނެ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ. ކޮންމެ ބަޔަކުންވެސް އެބައެއްގެ މަސްއޫލިއްޔަތު ހަދާން ނެތިފައިވާ ކަހަލައެވެ. ތިމާގެ ދަރިފުޅު ގޯސްމަގުން ހިނގާތަން ފެންނަހިނދު، އެހެންމީހުންނަށް އިނގިލި ދިއްކުރާތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. މިއީ ކަންތައް ވާންވީ ގޮތެއް ނޫނެވެ. އޭގެބަދަލުގައި މައިން ބަފައިންނާ މުދައްރިސުން އަދި ވެރިންނާ މުޅި މުޖްތަމަޢު އެކުއެކީގައި އެބައެއްގެ މަސްއޫލިއްޔަތު އަދާކުރަން އެބަޖެހެއެވެ.

ކުއްޖާގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފުރަތަމަ މަދަރުސާއަކީ އެކުއްޖެއްގެ ގެއެވެ. އެކުއްޖާގެ ފުރަތަމަ މުދައްރިސަކީ އެކުއްޖާގެ މަންމައެވެ. އެހެންކަމުން ޞާލިޙް މަޔަކަށް ނޫނީ ޞާލިޙް ދަރިއަކު ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. މިކަމަށްޓަކައި ކީރިތި ރަސޫލާ صلي الله عليه وسلم މުސްލިމް ފިރިހެނުންނަށް އަމުރުކުރައްވާފައިވަނީ އެމީހުންގެ ދަރިންނަށް ހެޔޮލަފާ މައިން ހޯދައިދިނުމަށެވެ. އެހެނީ ދަރިފުޅު ބޮޑުވަމުން އަންނަވަރަކަށް އެ ދަރިފުޅުގެ އުމުރާ ގުޅޭގޮތުން، ދީނީ ތަޢުލީމު އުގަންނައިދޭން އެބަޖެހެއެވެ. އިސްލާމް ދީނުގެ ރިވެތި އަޚުލާޤުން އެދަރިފުޅު ޒީނަތްތެރިކޮށް، ދުނިޔޭގެ ތަފާތު ކަންތައްތަކަށް ލޯ ހުޅުވިފާވައި، ހޭލުންތެރި ހީވާގި ކުއްޖަކަށް އެކުއްޖާ ހަދަން އެބަޖެހެއެވެ.

ކުއްޖާގެ ތަޢުލީމީ ޙަޔާތް ފެށުމާއި އެކު މައިންބަފައިންނާއި މުދައްރިސުންގެ މަސައްކަތް އެކުއެކީގައި ފެންނަން ޖެހެއެވެ. ކޮންމެ ބަޔަކުވެސް އެބައެއްގެ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާކުރަން އެބަޖެހެއެވެ. ސުކޫލު ތެރޭގައި ކުއްޖާ ހޭދަކުރާ ވަގުތު ތަކުގައިވެސް ކުއްޖާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާ، އެކަލާންގެ ރަސޫލާއަށް ފުރިހަމައަށް ތަބާވާ ކުއްޖެއްގެ ގޮތުގައި ކުއްޖާ ތަރުބިއްޔަތު ކުރަންއެބަޖެހެއެވެ. އަދި އެހެންކުދިންނާއި މުޢާމަލާތްކުރާނެ ރިވެތި އުސޫލުތަކާ، އިސްލާމީ ރިވެތި އަދަބުތައް ކުއްޖާއަށް ކިޔައިދޭންވާނެއެވެ. އިސްލާމީ ތާރީޚުގެ ވާހަކަތަކުން ކުއްޖާގެ ސިކުނޑި މުއްސަނދި ކުރަންވާނެއެވެ.

ކުއްޖާއަށް ސުކޫލުގައި ކިޔަވައިދޭ ކޮންމެ މާއްދާއަކީވެސް އިސްލާމީ އުސޫލްތަކަށް ފެތިފައިވާ މާއްދާއަކަށް ވުން މުހިންމެވެ. ހަމައެކަނި އިސްލާމް، މި މާއްދާ އިން އަޅުގަނޑުމެންނަކަށް ފުއްދާލެވޭކަށް ނެތެވެ. ބައޮލަޖީ، ފިޒިކްސް، އަދި ކެމިސްޓްރީ ފަދަ މާއްދާތައް ކިޔަވައިދޭ ހިނދު قرآن ގައި އެމާއްދާތަކާއި ގުޅޭގޮތުން އައިސްފައިވާ ކަންތައްތައް ކުދިންނަށް ކިޔައި ދެވި ދާނެއެވެ. އަދި އިސްލާމީ ބޮޑެތި ޢިލްމުވެރިން މިފަދަ ޢިލްމުތަކާ ބެހޭގޮތުން ހޯދައިފައިވާ ހޯދުންތަކާ، އެފަދަ ޢިލްމުތައް ހޯދުމަށް ކޮއްފައިވާ ބުރަ މަސައްކަތްތަައް ކުއްޖާއަށް ކިޔައިދެވިދާނެއެވެ. އަދި ހަމަ އެހެންމެ އިޤްތިޞާދީ ފިލާވަޅުތައް ނަގައިދޭ ހިނދު، އިސްލާމްދީނުގައި އިޤްތިޞާދީ ނިޒާމް ހަމަޖެހިފައިވާ ގޮތް ކުދިންނަށް ކިޔައިދެވިދާނެއެވެ.

ނަމަވެސް އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ މުސްލިމް ޤައުމުގެ ޙާލަތަކީ، އިސްލާމް މާއްދާ ކިޔަވައިދޭ ގަޑީގައި ނޫނީ ދީނީވާހަކައެއް ކުއްޖާއަކަށް އަޑެއްވެސްްނީވޭނެއެވެ. މިކަން މިހެން އޮތް ނަމަވެސް ބައެއް މުދައްރިސުން ވަރަށް ފަރުވާތެރިކަމާއެކު އިސްލާމްދީނުގެ ކަންކަމާއި ކުދިންގެ އެކި މާއްދާތަކާއި ގުޅުވައިދީގެން ކިޔަވައިދެމުންދާކަންވެސް ފާހަގަކޮށްލަމެވެ. ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ބައެއް ފޮތްތަކުގައި ވެސް އިސްލާމީ ޢަޤީދާއާ ފުށުއަރާ ބައެއް މައުލޫމާތު އެބަހުރެއެވެ. ނަތީޖާއަކަށްވަނީ ދަރިވަރުން އިސްލާމްދީނާ ދުރަށްދިއުމެވެ. އިސްލާމީ ރިވެތި އަދަބުތަކާއި އަޚްލާޤަކީ ކުދިން ނުދަންނަ ބީރައްޓެހި އެއްޗަކަށް ވެގެންދިއުމެއެވެ.

ކުއްޖާ ތަޢުލީމު ޙާސިލްކުރަމުންދާ މާހައުލެކޭ އެއްފަދައިން ކުއްޖާ އުޅެމުންދާ މުޖްތަމަޢަކީވެސް ރަނގަޅު މުޖްތަމަޢަކަށް ވާން އެބަޖެހެއެވެ. އެމުޖްތަޢަކީ ކުއްޖާއަށް އިސްލާމީ ރިވެތި ނަމޫނާތައް ފެންނަ މުޖްތަމަޢަކަށް ވާން އެބަޖެހެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖްތަމަޢުންވެސް ފެނިގެންމިދަނީ ހަމަނުޖެހުމާއި ތަޅާފޮޅުމެވެ. ދޮގުހެދުމާއި މަކަަރު ހެދުމެވެ. ވައްކަމާއި ފޭރުމެވެ. މީގެ އިތުރުން މާތް ﷲ ނަޙީ ކުރައްވާފައިވާ އެތަކެއް ފާޙިޝް ޢަމަލުތައް ރޭދުވާލު ތަކުރާރު ވަމުންދާ މަންޒަރެވެ. މިފަދަ މުޖްތަމަޢެއްގައި ދަރިއަކު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. އެހެނީ މުޖްތަމަޢެއްގެ ތެރެއިން ކުއްޖާއަށް ފެންނަ ކަންތައްތައް އެކުއްޖާގެ ގައިގައި ހަރުލުންވާނީ، ވަރަށް ފަސޭހަ ކަމަކަށެވެ.

އެހެންކަމުން ރަނގަޅު ގޮތުގައި ދަރިންތަރުބިއްޔަތު ކުރުމައްޓަކައި ދަރިންނަށް އިސްލާމީ ރިވެތި އަޚްލާގު އުނގަންނައިދީ، އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ދޭން އެބަޖެހެއެވެ. މައިންބަފައިންނާއި މުދައްރިސުން އަދި މުޅި މުޖްތަމަޢުގެ އެންމެހާ އަފްރާދުންވެސް އެދަރިންނަށްޓަކައި ރަނގަޅު ނަމޫނާއަކަށް ވާން އެބަޖެހެއެވެ. އެބައެއްގެ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާކުރަން އެބަޖެހެއެވެ. މިގޮތުންމެނުވީ ހެޔޮލަފާ ޖީލެއް ބިނާނުކުރެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ