އިންޑިޔާ ސަރުކާރުގެ އެހީގައި ޔޫތު މިނިސްޓްރީން ރ. މީދޫގައި ތަރައްޤީ ކުރާ ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ރ. މީދޫއަށް ގެނެސްފިއެވެ.
ރ. މީދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަން ޔޫތު މިނިސްޓަރު އަޙްމަދު މަޙުލޫފު އިޢުލާން ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ދެކުނު ސަރަހައްދުގައި މިހާރު ބޯޅަ ދަނޑު ތަރައްޤީ ކުރާ ހިސާބުގައި އޮންނަ ހުސްބިމުގައެވެ.
ކުޑަކުދިންގެ ޕާކުގެ މަސައްކަތް ރަސްމީކޮށް ފަށާ ދުވަހެއް އަދި އިޢުލާނުކޮށްފައި ނުވިނަމަވެސް ޕާކުގެ ވަށާ ފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް މީދޫ ކައުންސިލުންވަނީ ޑިސެމްބަރު މަސްތެރޭގައި އިޢުލާންކޮށްފައެވެ.
ކުޑަކުދިންގެ ޕާކަކީ މީދޫއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.