Follow us on
އުއްމީދުން ރ. މީދޫގައި ސްޕޯޓްސް އެކަޑަމީ އެއް ހުޅުވަނީ
| އިބްރާހިމް ރަފްހާން

އުއްމީދު ޖަމްޢިއްޔާގެ ފަރާތުން ރ. މީދޫގައި ސްޕޯޓްސް އެކަޑަމީއެއް ހުޅުވަން ނިންމާ އެކަން ޢިޢުލާންކޮށްފިއެވެ.

16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން 4 އުމުރުފުރާއަކަށް ބަހާލައިގެން އެކަޑަމީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އެކަޑަމީގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

އެކަޑަމީގައި ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ފުޓުބޯޅަ، ނެޓްބޯޅަ، ފުޓްސަލް، ހޭންޑްބޯލް، ވޮލީ، ބެޑްމިންޓަން އަދި ޕީ.އީއެެވެ. މި އެކަޑަމީގެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ކުދިންނަށް ވަކިންނެވެ.

އުއްމީދުން މަޢުލޫމާތުދިން ގޮތުގައި މި އެކަޑަމީ ހުޅުވުމުގެ މަޤުސަދުތަކުގެ ތެރޭގައި ރަށުގެ ކުދިންނަށް އެކިއެކި ކުޅިވަރުތަކުގެ އަސާސީ ހުނަރުތައް ތަަރައްޤީކޮށްދިނުމާއި އެކުދިންނަށް ކުޅިވަރު ކުޅެވޭނެ މާހައުކެއް ޤާއިމްކޮށްދިނުމުގެ އިތުރުން ތަމްރީން ކުރެވިފައިވާ ކޯޗުންގެ ބެލުމުގެ ދަށުން ރަށުގެ ކުދިންގެ ހުނަރު ތަރައްޤީ ކުރުމުގެ ފުރުސަތު ހޯދާދިނުންކަމަށެވެ.

މީގެ އިތުރުން އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދިނުމަކީވެސް އެކަޑަމީގެ މަޤުސަދެއްކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. މި އެކަޑަމީގައި ކުޅިވަރު ކުލާސްތަކުގެ އިތުރުން ތިއޮރީ ޗްލާސްތަކާއި ކުޅިވަރު ފެސްޓިވަލްތަކުގެ އިތުރުން ކުރު ކޭމްޕްތައްވެސް އެކަޑަމީގެ ކުދިންނަށް ހިންގޭނެކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު އެތިލީޓޫންގެ ސެޝަންތައް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އެކަޑަމީއަށް ރަޖިސްޓްރީ ކުރުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނެގުމަށް ހަމަޖައްސާފައިވާއިރު މަހު ފީގެ ގޮތުގައި 200 ރުފިޔާ ނެގުމަށްވަނީ ހަމަޖައްސާފައެވެ. ރަޖިސްޓްރޭޝަން ފީ ދެ މަހަށް ބަހާލައިގެންވެސް ދެއްކޭނެކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. މި އެކަޑަމީ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 2021 ގައެވެ.

ޚިޔާލު ފާޅުކުރައްވާ