Follow us on
އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ހަމަލާ ދީފައިވޭ، ދީފައިވަނީ ވަގުތުން މަރުވެދާނެ ހަމަލައެއް: ޑޮކްޓަރު
| އިބްރާހިމް ރަފްހާން

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ރ. މީދޫ ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށް އޭނާ ބެއްލެވި އޭޑީކޭގެ އޮޕަރޭޝަންސް ޑޮކްޓަރު، ޑރ. އިބްރާހިމް މޫމިން ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި އޮތީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ޑރ. އިބްރާހިމް މޫމިންގެ ހެކިބަސް ނަގާފައިވަނީ އެރޭ އަނަސްގެ ހަށިގަނޑޫ ބެއްލެވި ޑޮކްޓަރަށް ވުމުންނެވެ. ޝަރީޢަތުގައި ޑޮރ. މޫމިން ވިދާޅުވީ، އަނަސްއަށް އެރޭ ދީފައިވަނީ ވަގުތުން މަރުވެދާނެ ފަދަ ހަމަލައެއް ކަމަށާއި ހޮސްޕިޓަލަކަށް ގެނައިއިރުވެސް ނިޔާވެފައިވާކަމަށެވެ.

މީގެ އިތުރުން، އަނަސް ނިޔާވީ ލިބިފައިވާ ޒަހަމްތަކާއި އަނިޔާގެ ސަބަބުން ކަމަށާއި އަނަސްގެ ހަށިގަނޑުން ލޭމަދުވެ ފުއްޕާމެއަށްވެސް އަސަރުކޮށްފައިވާކަމަށް ޑރ. ވިދާޅުވިއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދަޢުވާކުރެެއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ  ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްއެވެ.

މިއަދުގެ އަޑުއެހުން ޤާޒީ ނިންމަވާލައްވާފައިވަނީ މިއަންނަ މަހުގެ 5 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާ ގޮތަށް ކަނޑައަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ