ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 3

ލިޔުނީ: އައްޝައިޚް އިމްރާން މުޙައްމަދު ޢަލީ | ދިސަލަފިއްޔާ

އެއް އަހަރު ދުވަހު ޤުރުއާން މުރާޖަޢާކުރުމަށް ފަހު ދެން ކުރިއަށް ދާނީ ކިހިނެތް؟

އެއް އަހަރު ދުވަހު ކީރިތި ޤުރުއާން ރަނގަޅަށް މުރާޖަޢާކުރުމަށް ފަހު ދެެން މަރާ ބައްދަލު ވެއްޖައުމަށް ދާންދެންވެސް ޞަޙާބީ ބޭކަލުން ކީރިތި ޤުރުއާން ކިޔުއްވި ގޮތަށް ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔަވަމުން ގެންދާށެވެ. އެބޭކަލުން ކީރިތި ޤުރުއާން 7 ބަޔަށް ބަހާލެއްވިއެވެ. އެގޮތުން ކޮންމެ 7 ދުވަހަކުން އެބޭކަލުން ޚަތިމުކުރައްވައެވެ. އައުސް ބުން ޙުޛާފާ ވިދާޅުވިއެވެ.

“ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންގެ އަރިހުގައި ތިމަން ސުވާލު ދެންނެވީމެވެ. ތިޔަ ބޭކަލުން ކީރިތި ޤުރުއާން (ކިޔެވުމުގައި އެކި ދުވަސްތަކަށް) ބައްސަވަނީ ކިހިނަކުން ހެއްޔެވެ؟ އެބޭކަލުން ވިދާޅުވިއެވެ. 3 ސޫރަތުންނާއި 5 ސޫރަތުންނާއި 7 ސޫރަތުންނާއި 9 ސޫރަތުންނާއި 11 ސޫރަތުންނާއި 13 ސޫރަތުންނާއި އަދި މުފައްޞަލު އެކީއެވެ. އެއީ ޤާފު ސޫރަތުން ފެށިގެން (މުޞްޙަފުގެ ސޫރަތްތައް) ނިމެންދެވެ.” [رواه أحمد وضعفه الألباني]

– އެބަހީ: ފުރަތަމަ ދުވަހު ކިޔަވާނީ ފާތިޙާ ސޫރަތުން ނިސާ ސޫރަތުގެ ނިޔަލަށެވެ.

– ދެވަނަ ދުވަހު ކިޔަވާނީ މާއިދާ ސޫރަތުން ތައުބާ ސޫރަތުގެ ނިޔަލަށެވެ.

– ތިންވަނަ ދުވަހު ކިޔަވާނީ ޔޫނުސް ސޫރަތުން ނަޙްލު ސޫރަތުގެ ނިޔަލަށެވެ.

– ހަތަރުވަނަ ދުވަހު ކިޔަވާނީ އިސްރާ ސޫރަތުން ފުރުޤާން ސޫރަތުގެ ނިޔަލަށެވެ.

– ފަސްވަނަ ދުވަހު ކިޔަވާނީ ޝުޢަރާ ސޫރަތުން ޔާސީން ސޫރަތުގެ ނިޔަލަށެވެ.

– ހަވަނަ ދުވަހު ކިޔަވާނީ ޞާއްފާތު ސޫރަތުން ޙުޖުރާތު ސޫރަތުގެ ނިޔަލަށެވެ.

– ހަތްވަނަ ދުވަހު ކިޔަވާނީ ޤާފު ސޫރަތުން ނާސް ސޫރަތުގެ ނިޔަލަށެވެ.

އަދި މިވާހަކަ ޢިލްމުވެރިންވަނީ އަންނަނިވި ޢިބާރާތުގައި ހިމަނުއްވާފައެވެ.

” فمي بشوق”

މިޢިބާރާތުގައިވާ ކޮންމެ އަކުރެއް ދަލާަލަތު ކުރަނީ ސޫރަތެއްގެ ނަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގައި ޞަޙާބީ ބޭކަލުން ކިޔުއްވި މިންވަރު ފެށޭ ސޫރަތަށް އެއަކުރުން ދަލާލަތު ކުރެއެވެ.

ف އަކީ: ފާތިޙާ ސޫރަތެވެ. ފުރަތަމަ ދުވަހު ފަށަނީ ފާތިޙާ ސޫރަތުންނެވެ. (ނިންމަނީ ނިސާ ސޫރަތުގެ ނިޔަލަށެވެ.)

م އަކީ: މާއިދާ ސުރަތެވެ. ދެވަނަ ދުވަހު ފަށަނީ މާއިދާ ސޫރަތުންނެވެ.

ي އަކީ: ޔޫނުސް ސޫރަތެވެ. ތިންވަނަ ދުވަހު ފަށަނީ ޔޫނުސް ސޫރަތުންނެވެ.

ب އަކީ: ސޫރަތު ބަނީ އިސްރާއީލެވެ. (މިއީ އިސްރާ ސޫރަތަށް ކިޔާ އެހެން ނަމެކެވެ.) ހަތަރުވަނަ ދުވަހު ފަށަނީ މި ސޫރަތުންނެވެ.

ش އަކީ: ޝުޢަރާ ސޫރަތެވެ. ފަސްވަނަ ދުވަހު ފަށަނީ ޝުޢަރާ ސޫރަތުންނެވެ.

و އަކީ: ޞާއްފާތު ސޫރަތެވެ. (و ގެނެސްފައި އެވަނީ އެ ސޫރަތް ﴿وَالصَّافَّاتِ﴾  މިފަދައިން ފަށާފައިވާތީއެވެ.) ހަަވަނަ ދުވަހު ފަށަނީ ޞާއްފާތު ސޫރަތުންނެވެ.

ق އަކީ: ޤާފު ސޫރަތެވެ. ހަތްވަނަ ދުވަހު ފަށަނީ ޤާފު ސޫރަތުންނެވެ. ނިންމަނީ ނާސު ސޫރަތަށެވެ.

މިއަދު އަޅުގަނޑުމެންނަށް މިފެންނަ ގޮތަށް (ތިރީސް ފޮތަށް) ބަހާފައިވަނީ ޙައްޖާޖު ބުން ޔޫސުފްގެ ޒަމާނުގައެވެ.

= ނުނިމޭ =_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.