Follow us on
ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 2
| އިބްރާހިމް ރަފްހާން

ލިޔުނީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ/ ދިސަލަފިއްޔާ

ހިތުދަސްކުރުމާއި މުރާޖަޢާކުރުން އެކުއެކީ ކުރިއަށް ގެންދާނީ ކިހިނެތް؟

މުރާޖަޢާ ނުކޮށް ހިތުދަސްކުރާ ބައި ރަނގަޅަށް ހަރެއް ނުލާނެއެވެ. މުރާޖަޢާ ކުރުމަކާ ނުލައި މުޅި ޤުރުއާން ހިތުދަސްކޮށްފައި ހިތުން ކިޔަން އުޅެގެން އެކަމެއް ނުވާނެއެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ހިތުދަސްކުރުމާއި މުރާޖަޢާކުރުން އެކުއެކީ ގެންދިޔުމެވެ. އެއީ އަންނަނިވި ގޮތަށެވެ.

  1. ކީރިތި ޤުރުއާން 3 ބަޔަކަށް ބަހާލާށެވެ. އެގޮތުން ކޮންމެ 10 ފޮތަކީ ބައެއްކަމުގައި ބަލާށެވެ.

– ނާސް ސޫރަތުން ޢަންކަބޫތު ސޫރަތަށް އެއީ ފުރަތަމަ ބަޔެވެ.

– ޤަޞަޞް ސޫރަތުން ޔޫނުސް ސޫރަތަށް އެއީ ދެވަނަ ބަޔެވެ.

– ތައުބާ ސޫރަތުން ބަޤަރާ ސޫރަތަށް އެއީ ތިންވަނަ ބަޔެވެ.

  1. ކޮންމެ ދުވަހަކުވެސް 1 ޞަފްޙާ ނުވަތަ 2 ޞަފްޙާ ދަސްވުމުން، އެދުވަހު 4 ޞަފްޙާ މުރާޖަޢާ ކުރާށެވެ. 10 ފޮތް ދަސްވަންދެން އެގޮތަށް ކުރިއަށް ގެންދާށެވެ.

ފުރަތަމަ ބައި – ނާސް ސޫރަތުން ޢަންކާބޫތު ސޫރަތުގެ ނިޔަލަށް – ދަސްވުމުން ދަސްކުރުން ހުއްޓާލާފައި އެއްމަސްވަންދެން މިބައި މުރާޖަޢާކުރާށެވެ. ކޮންމެ ދުވަހެއްގައި މުރާޖަޢާކުރާނީ 8 ޞަފްޙާއެވެ.

  1. އެއްމަސްދުވަހު މުރާޖަޢާކުރުމަށް ފަހު އަނެއްކާވެސް ވީ ވަރަކަުން ހިތުދަސްކުރަން ފަށާށެވެ. ކޮންމެ ދުވަހެއްގައިވެސް އެއް ޞަފްޙާ ނުވަތަ ދެ ޞަފްޙާ ދަސްކުރާށެވެ.

ފުރަތަމަ ދަސްކޮށްފައިވާ ބައިން – ނާސް ސޫރަތުން ޢަންކާބޫތު ސޫރަތުގެ ނިޔަލަށް – އަށް ޞަފްޙާ ކޮންމެ ދުވަހަކުވެސް މުރާޖަޢާކުރަމުން ދާށެވެ.

ދެވަނަ ބައި ދަސްވަންދެން – ޤަޞަޞް ސޫރަތުން ޔޫނުސް ސޫރަތުގެ ނިޔަލަށް – އެގޮތުުގައި ކުރިއަށް ގެންދާށެވެ.

  1. ދެވަނަ ބައި ދަސްވުމުން 2 މަސް ދުވަސް ވަންދެން ހިތުދަސްކުރުން ހުއްޓާލާށެވެ. އަދި ދަސްކޮށްފައިވާ 20 ފޮތް މުރާޖަޢާކުރާށެވެ. ކޮންމެ ދުވަހަކު 8 ޞަފްޙާ މުރާޖަޢާކުރަމުން ދާށެވެ.
  2. 2 މަސް ދުވަހު މުރާޖަޢާކުރުމަށް ފަހު ވީ ވަރަަކުން ތިންވަނަ ބައި ހިތުދަސްކުރަން ފަށާށެވެ. އެއީ ތައުބާ ސޫރަތުން ބަޤަރާ ސޫރަތުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކުވެސް ޞަފްޙާއެއް ނުވަތަ ދެ ޞަފްޙާ ދަސްކުރާށެވެ. އަދި ހަމަ އެއާއެކު ނާސް ސޫރަތުން ޔޫނުސް ސޫރަތުގެ ނިޔަލަށް މުރާޖަޢާކުރަމުން ދާށެވެ. ކޮންމެ ދުވަހަކުވެސް އަށް ޞަފްޙާ މުރާޖަޢާކުރާށެވެ.
  3. މުޅި ޤުރުއާން އެކީ ދަސްވުމުން ފުރަމަތަ ބައި – ނާސް ސޫރަތުން ޢަންކަބޫތު ސޫރަތަށް – އެއް މަސް ދުވަސް ވަންދެން މުރާޖަޢާ ކުރާށެވެ. ކޮންމެ ދުވަހެއްގައިވެސް ޖުޒުއެއްގެ ދެބައިކުޅަ އެއްބައި މުރާޖަޢާކުރާށެވެ.
  4. ދެން މުރާޖަޢާ ކުރާނީ ދެވަނަ ބައެވެ. އެއީ ޤަޞަޞް ސޫރަތުން ޔޫނުސް ސޫރަތުގެ ނިޔަލަށެވެ. އެބައި މުރާޖަޢާ ކުރާއިރު ކޮންމެ ދުވަހަކު ޖުޒުއެއްގެ ދެބައިކުޅަ އެއްބައި މުރާޖަޢާކުރާށެވެ.

އަދި ހަމައެއާއެކު ނާސް ސޫރަތުން ޢަންކަބޫތު ސޫރަތުގެ ނިޔަލަށް ދަސްކޮށްފައިވާ ބައިން 8 ޞަފްޙާ މުރާޖަޢާކުރާށެވެ.

  1. ދެން މުރާޖަޢާ ކުރާނީ ތިންވަނަ ބައެވެ. އެއީ ތައުބާ ސޫރަތުން ފެށިގެން ބަޤަރާ ސޫރަތުގެ ނިޔަލަށެވެ. އެއްމަސް ދުވަސްވަންދެން މިބައި މުރާޖަޢާކުރާށެވެ. ކޮންމެ ދުވަހަކު ޖުޒުއެއްގެ ދެބައިކުޅަ އެއްބައި މުރާޖަޢާކުރާށެވެ.

އަދި ހަމައެއާއެކު ނާސް ސޫރަތުން ޔޫނުސް ސޫރަތުގެ ނިޔަލަށް ދަސްކުރި ބައިން އެއް ފޮތް މުރާޖަޢާ ކުރާށެވެ.

މިގޮތަށް މުރާޖަޢާކޮށް ނިމުމުން މުޅި ޤުރުއާން އެކީ މުރާޖަޢާކުރާނީ ކިހިނެތް؟

ދެން މުޅި ޤުރުއާން އެކީ މުރާޖަޢާ ކުރަން ފަށާށެވެ. ކޮންމެ ދުވަހެއްގައިވެސް 2 ޖުޒުއު މުރާޖަޢާކުރާށެވެ. ކޮންމެ ޖުޒުއެއް ތިން ފަަހަރު ތަކުރާރުކުރާށެވެ. އެގޮތުން ގާތްގަނޑަކަށް ކޮންމެ ދެ ހަފްތާއަކުން މުޅި ޤުރުއާން އެކީ މުރާޖަޢާވާނެއެވެ. އަހަރު ދުވަސް ވަންދެން މިފަދައިން މުރާޖަޢާކުރާށެވެ. އެގޮތުގައި އެއް އަހަރު ދުވަސްވާއިރު – ﷲ ތަޢާލާގެ އިރާދަފުޅާއެކު – ވަރަށް ރަނގަޅަށް ޤުރުއާން މުރާޖަޢާ ކުރެވޭނެއެވެ.

= ނުނިމޭ =

ޚިޔާލު ފާޅުކުރައްވާ