Follow us on
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރ އިބްރާހިމް ރަޝީދު، ރ. މީދޫގެ ފަޚުރުވެރި ދަރިއެއް!
| އިބްރާހިމް ރަފްހާން

އިއްޔެއަކީ ރ. މީދޫއަށް ހާއްސަ ދުވަހެކެވެ. ރ. މީދޫއަށް އުފަން ދަރިއެއްކަމަށްވާ ރ. މިދޫ ބްލެކް، އިބްރާހިމް ރަޝީދުވަނީ އިއްޔެ ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ ހުވާކުރައްވާ ރައީސުލްޖުމުހޫރިއްޔާ މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ތަޢުލީމާއި ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ އިބްރާހިމް ރަޝީދު ވަނީ މީގެ ކުރިން އެކި ދާއިރާތަކުގައި ހިދުމަތް ކުރައްވާފައެވެ. ިބްރާހިމް ރަޝީދު މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. މީގެ ކުރިން އިބްރާހިމް ރަޝީދު ވަނީ ހދ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕްރިންޓެންޑެންޓް މަޤާމުވެސް އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އިބްރާހިމް ރަޝީދު ވަނީ ތަޢުލީމީ ދާއިރާގައި ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެކި އެކި ސްކޫލުތަކުގައި މަސައްކަތްކުރައްވާފައެވެ.

އިބްރާހިމް ރަޝީދަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ ޑިގްރީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އިބްރާހިމް ރަޝީދުވަނީ ސިޔާސީ ދާއިރާއިންނާއި ، އިގްތިޞާދީ ދާއިރާއިންނާއި އިޖުތިމާޢީ ދާއިރާއިން ފަސްޓް ޑިގްރީ ފުރިހަމަކުރައްވާފައެވެ.  އިބްރާހިމް ރަޝީދު ފާހަގަކުރެވިފައިވަނީ ކުރިމަތިލައްވާ ކޮންމެ ކަމެއްވެސް ވަރުގަދަ އަޒުމަކާ ޖޯޝާއެކު މަސައްކަތްކުރައްވާ ހުނަރުވެރި ޢިލްމީ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޗް.އާރު ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި އިބްރާހިމް ރަޝީދު ހަވާލުވެލެއްވި ފަހުން ކުރުމުއްދަތެއްގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޗް.އާރު ޑިވިޜަނަށްވަނީ ފާހަގަކުރެވޭވަރުގެ ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕްރިންޓެންޑެންޓް މަޤާާމުގައި އަޕަރނޯޓް އެޑިޔުކޭޝަން ޔުނިޓްގައި މަސައްކަތްކުރެއްވި ދުވަސްވަރު ސިވިލްސަރވިސް ކޮމިޝަނުން ދެއްވާ އިނޮވޭޝަން އެވާރޑް އިބްރާހިމް ރަޝީދު ޙާސިލްކުރައްވާފައިކަން ފާހަގަކޮށްލެވެވެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް އިބްރާހިމް ރަޝީދު އައްޔަން ކުރުމަށް ރުހުން ދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރަކު ވޯޓުދެއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އިބްރާހިމް ރަޝީދު މިހޯދެއްވި ކާމިޔާބީއަށް މީދޫ ޓައިމްސްގެ ފަރާތުން މަރުހަބާ ދަންނަވަމެވެ.

ޚިޔާލު ފާޅުކުރައްވާ