ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
މިދުވަހަށްޓަކައި އެބަ ތައްޔާރުވަމު ހެއްޔެވެ؟

ލިޔުނީ: އަލް އުޚްތު އުންމުފުޟެއިލް/ ދިސަލަފިއްޔާ

މަރަކީ ކޮންމެ އިންސާނަކާވެސް ބައްދަލު ކުރާނެ ހަގީގަތެކެވެ. އެއްވެސް އިންސާނަކަށް އެ މަރުން ރެކިނުގަނެވޭނެއެވެ. ހަމަ އެހެންމެ މަރުގެ ތުންފަތްމަތީގައި ވާ މީހަކު އެ މަރުން ސަލާމަތެއްވެސް ނުކުރެވޭނެއެވެ. އޭ އިންސާނާ އެވެ! ތިބާގެ ހުރި މުއްސަނދި ކަމަކަށް ނުވަތަ ފަގީރު ކަމަކަށް އަދި ބާރުވެރިކަމަށް ނުވަތަ ނިކަމެތި ކަމަށް އެ މަރު ބަލައެއް ނުލާނެއެވެ. ކުޑަކުއްޖަކަށް ވީތީ ނުވަތަ ޒުވާނަކަށް ވީތީ އެ މަރު ފަހެއްނުޖެހޭނެއެވެ. މަރުގެ ވަގުތަކީ އެއްވެސް މީހަކަށް ނޭނގޭ އެއްޗެކެވެ. މަރު ބައްދަލު  ވުމަށްފަހު ސަލާމަތްވާން ބަހަނާ އެއް ނުދެއްކޭނެއެވެ. އަދި މަރުގެ ސަކަރާތުން ރެކިގަނެވޭނެ އެއްވެސް ގޮތެއް ތިބާ އަކަށް ނުފެންނާނެއެވެ.

ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. (سورة آل عمران: 185)

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.(26) އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟(27) އަދި އެއީ ވަކިވުން ކަމުގައި ޔަޤީންކޮށްފި ހިނދެވެ.(28)އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.(سورة القيامة: 29)

.ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.(سورة الجمعة: 8 )

ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް އާދަމުގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟(34) ކޮންމެ ނަފްސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.(سورة الأنبياء: 35)

ޝައްކެއްނެތެވެ. އެއީ މަރެވެ. ފުރާނަ ބިރުވެރިކަމުން ފުރުވާލާފައި ވާއިރު ތިމާގެ މިދުނިޔަވީ ޙަޔާތުގައި ކުރި އަމަލެއް ނޫނީ ރައްކާ ކުރެވިފައެއް ނޯންނާނެއެވެ. ބިރުވެރިކަމުގެ މައްޗަށް ބިރުވެރިކަން ހުއްޓެވެ. ވަޅުލެވުމަށްފަހު ކަށްވަޅުގައި އެ ފުރާނަ ފިއްތާލެވޭނެވެ. ނަމަވެސް އެ އުނދަގުލުން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ދެން ކުރިމަތި ވަނީ މަލާއިކަތް ބޭކަލުންގެ ސުވާލުތަކާއެވެ. އެއަށް އަޅުގަނޑު މެންނަށް ޖަވާބު ދެވޭނެ ބާއެވެ؟ ޝައްކެއްނެތެވެ. އެއްވެސް މީހަކަށް އޭނާގެ ނިމުން ނޭނގޭނެއެވެ. އުޑުތަކާއި ބިމަށް ވުރެ ތަނަސްވެގެންވާ ސުވަރުގެ ލިބޭ މީޙުންނަށް ކާމިޔާބު ހުއްޓެވެ. އަދި އިންސާނުންނާ ހިލަތަށް އޭގެ ދަރުކަމުގައިވާ ނަރަކައަށް އެއްލާލެވޭ މީޙުންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ.! ކުރިޔަށްވުރެ ބޮޑަށް މަރުގެ ހަޤީޤަތާ މެދު ވިސްނާ ފިކުރުކުރާށެވެ. ދުނިޔޭގެ ހަޔާތަކީ ވަގުތީ އެއްޗެއްކަމާއި، ލޯމަތިން މިފެންނަ ހުރިހާ އެއްޗެއްގެ ނިމުން އަންނާނެކަން ހަނދާންބަހައްޓާށެވެ. އަދި ޚުދު ތިމާގެ ނިމުން އެ އެއްޗެހީގެ ކުރިން އައިސްދާނެކަމަށް ވިސްނާ އަމިއްލަ ނަފުސު އެ މަރަށް ތައްޔާރުކުރާށެވެ. މިހާރު ނުކުރި ޢަމަލެއް ފަހަކުން ނުކުރެވޭނެއެވެ. މިހާރު ނުވި ތައުބާއެއް ފަހަކުން ނުވެވޭނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ﷲ ތަޢާލާގެ ހަޟްރަތަށް ރުޖޫޢަވާށެވެ. ފާފަފުއްސެވުން އެދި ދަންނަވާށެވެ.

ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.( سورة آل عمران: 185)