12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
ގޮނޑި ގެއްލިފައިވާކަމަށް މީގެކުރިން އިލެކްޝަން ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނިންމާ، އެދާއިރާތަކުން ބާއްވާނެކަމަށް ކުރިން އެކޮމިޝަނުން އިއުލާނުކުރި ބައި އިލެކްޝަން ނުބާއްވާގޮތަށް އެކޮމިޝަނުން ނިންމައިފިއެވެ. މި 12 މެމްބަރުންގެ ތެރޭގައި މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތުވެސް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ބައެއް މީޑިޔާތަކުން އާއްމުކޮށްފައިވާގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ކުރިން އެކޮމިޝަނުން ނިންމި ނިންމުން ބާތިލުކުރުމަށާއި އަދި އެ 12 ދާއިރާއެއްގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން ބާއްވާނެކަމަށް އިއުލާނުކުރި 6 ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން ނިންމި ނިންމުންވެސް ބާތިލުކުރުމަށެވެ. މި 6 ދާއިރާގެ ތެރޭގައި މަޑުއްވަރީ ދާއިރާވެސް ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މި 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރެއްހާ ދުވަހު ހިމޭނުން އޮވެ ސަރުކާރު ބަދަލުވުމުން ހަމަ އެކޮމިޝަނުން އެ ނިންމުންތައް ބަދަލުކުރުމުން އާންމުން އަންނަނީ އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް