މަޑުއްވަރީ ދާއިރާގެ އަޑު މަޖިލީހުގައި ކަނޑުވާލީ ރައީސް ޔާމީނާއި ޕީޕީއެމުން!
މިދައްކަނީ އާދައިގެ ކުޑަކުޑަކަމެއްގެ ވާހަކައެއްނޫނެވެ. 4500އަށްވުރެ ބޮޑު އާބާދީއެއް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރުމުގެ ފުރުޞަތު އަހަރަކަށްވުރެ ގިނަދުވަހަށް ގެއްލުވާލުމަކީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ކުޑަކަމަކަށްވިޔަސް އެދާއިރާއެއްގެ ރައްޔިތުންނަށް އެއީ ނުހަނު ބޮޑު ކަމެކެވެ.  އާދެ،  މަޑުއްވަރީ  ދާއިރާ  ރައްޔިތުންގެ  މަޖިލީހުގައި ތަމްސީލުނުކުރެވޭތާ އަހަރަކަށްވުރެ ގިނަދުވަސްވީއެވެ.    ރައްޔިތުން އެ ޤާނޫނުތަކަކަށް އަމަލުކުރަންޖެހޭ ޤާނޫނުތައް ހަދަމުންދާ އަދި ދައުލަތުގެ ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު އެމަޖިލީހަކުން ފާސްކުރާ މަޖިލީހުގައި މަޑުއްވަރީ ދާއިރާއާއި އަދިވެސް އެހެން 12 ދާއިރާއެއް ހިމެނޭގޮތުން ޖުމްލަ 60،000 ރައްޔިތުންގެ އަޑު މިހާރު ހިނގަމުންމިދާ ސަރުކާރުންވަނީ ކަނޑުވާލާފައެވެ. މިހެން ދަންނަވަންޖެހެނީ ސަބަބުތަކެއްނެތިއެއްވެސް ނޫނެވެ.    ސުޕްރީމް ކޯޓުން ކުރި ހުކުމަކާއެކު އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިގޮތުން، ގޮނޑިގެއްލުނީކަމަށް ނިންމާ ސަރުކާރުން މަޑުއްވަރީ ދާއިރާ މަޖިލީހުގައި ތަމްސީލުކުރައްވަމުން ގެންދެވި މެންބަރު މުހައްމަދު އަމީތު މަޖިލީހަށް ވަނަނުދިނީއެވެ. މައްސަލައެއްނެއްތާއެވެ. އެބޭފުޅުން ޤަބޫލުފުޅުކުރެއްވި ގޮތުން މެމްބަރު އަމީތުގެ ގޮނޑި ގެއްލި މަޖިލީހަށް ނުވެއްދި ނުވެއްދުމަކީ ގޯސްކޮށް ދިޔަ ކަމެއްތޯ ނުވަތަ ރަނގަޅަށް ދިޔަކަމެއްތޯ ހުދު ސުޕްރީމް ކޯޓުންވެސް އެއުޅެނީ ކަނޑަނޭޅިގެންނެވެ. ސަރުކާރުން ގަބޫލުކުރާގޮތުން މެމްބަރު އަމީތު އަދި ދެންތިބި 11 މެމްބަރުންގެ ގޮނޑި ގެއްލުނީކަމުގައިވާނަމަ، އެދާއިރާތަކުގެ ބައި އިލެކްޝަން ބާއްވައި އެދާއިރާތައް މަޖިލީހުގައި ތަމްސީލުކުރައްވާނޭ މެމްބަރެއް ދެއްކުމަކީ ޤާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކޮށްފައި އޮތްކަމެކެވެ. 

ގޮނޑި ގެއްލުނުކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިތާ 60 ދުވަހުގެ ތެރޭގައި އަލުން ބައި އިލެކްޝަން ބޭއްވެވި ނަމަވެސް ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ލިބިގެން ދިޔައީހެވެ. އެ 60 ދުވަހުގެ ވާހަކަ ޤާނޫނެއްގައި އޮތްކަމެއްވެސް ސަރުކާރުންވެސް އަދި އިލެކްޝަންސް ކޮމިޝަނުންވެސް ދެނެހުރިކަމަކަށް ނުހެދިއެވެ. 60،000 ރައްޔިތުންގެ އަޑު ނުއިއްވާ، އެއީ މާބޮޑު ކަމަކަށް ނުހައްދަވާ ޤާނޫނުގައި ލިޔެފައި އޮތްގޮތާ މުޅިން ޚިލާފަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިޔައީއެވެ.  ޤާނޫނުގައި  ބުނާ  މުއްދަތުގައި  ބައި  އިލެކްޝަން  ނުބާއްވާ  ޤާނޫނުގެ  ބާރުވެސް  ކަނޑުވާލިއިރު  އެކަމާ  ބަހެއް  ބުނެލާނެ  އިދާރާއެއް  ނުވިއެވެ.  އިލެކްޝަންސް  ކޮމިޝަންއިން  ޤާނޫނާ  ޚިލާފުވުމުންވެސް  ކޯޓަކުން  އެކޮމިޝަންގެ  މައްސަލަ  ބަލާފައެއްނުވެއެވެ. 

ތެދެކެވެ. މަޑުއްވަރީ ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުނުވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިކަމުގެ ނަތީޖާވެސް ސަރުކާރަށް ލިބިފައިވާކަމަށްވެސް ދެންނެވިދާނެއެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބެއްގައިވެސް ޕީޕީއެމްއަށް އަދި ޕީޕީއެމް އުފެދުމުގެ ކުރިން ޑީއާރުޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބެމުން އައި މަޑުއްވަރީ ދާއިރާގެ މެޖޯރިޓީވެސް ޕީޕީއެމްއަށް ނިމިގެން ރިޔާސީ އިންތިޚާބުގައި ގެއްލުނީއެވެ. ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ދާއިރާއިންވެސް މިފަހަރު އިންތިޚާބުގައި ކުރި ލިބުނީ އިދިކޮޅު ކޯލިޝަނަށެވެ. 

ދެން އޮތީ މަޑުއްވަރީ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލުވާލިގޮތުގެ ވާހަކައެވެ.  ރައްޔިތުންގެ  މަޖިލީހުގެ  ޕީޕީއެމް  މެމްބަރުންތަކެއް  އިދިކޮޅު  ޕާޓީތަކާއި  ގުޅުމުގެ  ކުރިން  އެއް  މެމްބަރަކު  ހުންނެވި  ޕާރޓީދޫކުރައްވާ  އެހެން  ޕާރޓީއަކަށް  ބަދަލުވުމަކީ  ކުށެއް  ކަމަކަށް  އެއްވެސް  ސިޔާސީ  ފަރާތަކުންވެސް  ނުވަތަ ސަރުކާރުގެ  މުއައްސަސާއަކުންވެސް  ކަނޑައަޅާފައެއްނުވެއެވެ.  މެމްބަރުން  އިންތިޚާބުވާ  ޕާރޓީ  ދޫކުރައްވާ  އެހެން  ޕާރޓީއަކަށް  ބަދަލުވުމަކީ  އުސޫލެއްގެ  ގޮތުން  ކުރަން  އެންމެ  ރަނގަޅުކަމެއްކަމުގައިނުވީނަމަވެސް މިދެންނެވި  ތާރީޚުގެ  ކުރިން  އެއީ  އެއްވެސް  މައްސަލައެއްކަމަކަށް  ކަނޑައަޅާފައެއްނުވެއެވެ. 

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް މިދިޔަ  އަހަރުގެ  ޖުލައިމަހު  ސުޕްރީމް  ކޯޓުން  ހުކުމްކުރި ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް މިހުކުމް އައުމުގެ މާކުރިން ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިންވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމުން ވަކިކޮށް، އެކަން މެމްބަރު އަމީތުއަށްވެސް އަންގަވާފައެވެ.  އެހެންނަމަވެސް  ޖުލައިމަހު  ސުޕްރީމް  ކޯޓުން  މިނިންމި  ހުކުމާގުޅިގެން  އެންމެ  ފުރަތަމަ  ގޮނޑި  ގެއްލުނުކަމަށް  އިލެކްޝަންސް  ކޮމިޝަނުން  ކަނޑައެޅީވެސް  މިމެމްބަރުންނެވެ.  ހުކުމްކުރުމުގެ  ކުރިން  ޕާޓީއިން  ވަކިކުރިކަން  ލިޔުމުން  އަންގާފައިވާ  މެމްބަރުންތަކެއް  ހުކުމަށްފަހު  ޕާޓީއިން  ވަކިނުވާކަމަށް  ހަދާ  ޕާޓީއިން  "އަލުން  ވަކިކުރީ"  އެވެ.  އިދިކޮޅު  ފަރާތްތަކުން  މިކަމަށް  ޖޯކު  ޖަހަމުން  ދިޔަނަމަވެސް  އޭރުވެސް  ޕީޕީއެމުން  ބޭނުންވީ  އެ  ބޭފުޅުންގެ  ކޮޅު  ދިފާޢުކޮށް  މިމެމްބަރުން  ދެވަނަ  ފަހަރަށް  ޕާޓީއިން  ވަކިކޮށް  ގޮނޑި  ގެއްލުވާލާށެވެ.  އެހެންކަމުން  މަޑުއްވަރީ  ދާއިރާގެ  ރައްޔިތުންގެ  އަޑު  ސަރުކާރުން  މަޖިލީހުގައި  ކަނޑުވާލީއެވެ. 


ސުޕްރީމް  ކޯޓުގެ  މިހުކުމް  އައުމާއެކު  މެމްބަރު  އަމީތުވަނީ  ގޮނޑިނުގެއްލޭކަމަށް  ކަނޑައަޅަން  ސުޕްރީމް  ކޯޓަށް  މައްސަލަ  ހުށައަޅާފައެވެ. އަދި ސުޕްރީމް ކޯޓުން އެމައްސަލަ  ބަލައިވެސްގަތެވެ.  އެމައްސަލަ ކުރިއަށް  ގެންދިޔުމަށްފަހު  މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އެކޯޓުން މެމްބަރު އަމީތުއަށް ލިޔުމުން  އެންގީ  އެކަމުގައި  އިތުރަށް  ނިންމަންޖެހޭކަމެއް  ނެތްކަމަށެވެ.  އަދި  ޖުލައިމަހު  އެކޯޓުން  ކުރި  ހުކުމުގެ  އުސޫލުތަކަކީ  އެހުކުމް  އައުމުގެ  ކުރިން  ހިނގާފައިވާ  ކަންކަމުގެ  މައްޗަށް  ހިނގާނެކަންކަމެއް  ނޫންކަމަށްވެސް  އެލިޔުމުގައިވެއެވެ.  މިހާ  ހިސާބުންވެސް  މެމްބަރު  އަމީތުގެ  ގޮނޑި  ގެއްލުވާލުމުގައި  ގޯސްތަކެއް  އުޅޭކަމަށް  ގަބޫލުކުރެވެއެވެ. 

މިދެންނެވި  ލިޔުމުގައިވެސް  މަޑުއްވަރީ  ދާއިރާގެ  މެމްބަރުގެ  ގޮނޑިއާމެދު  ސާފުކޮށް  އެއްވެސް  އެއްޗެއް  ސުޕްރީމް  ކޯޓުން  ބުނެފައި  ނެތުމާއި އަދި 1  ފެބުރުއަރީގައި  ސުޕްރީމް  ކޯޓުން  ނެރުނު  "އާދަޔާ ޚިލާފު"  އަމުރުގައިވާ  12  މެމްބަރުންގެ  ބަޔަށް  އަމަލުކުރުން  ފަސްކުރުމާއެކު  މެމްބަރު  އަމީތުގެ  މައްސަލައަށް  އަދިވެސް  މިއޮތީ  ފަރުވާއެއްނުލިބިއެވެ.  ޕީޕީއެމުން  ބޭނުންވީ  މެމްބަރު  އަމީތު  މަޖިލީހުން  ބޭރުކޮށްލަން  ކަމަށްވާނަމަ  އެކަން  ކާމިޔާބުވެއްޖެއެވެ.  އެހެންނަމަވެސް  ބައި  އިލެކްޝަނެއް  ނުބާއްވައިދީ،  ގެއްލުވާލީ  މަޑުއްވަރީ  ދާއިރާގެ  މެމްބަރުންގެ  އަޑެވެ. 

އަނެއްކާވެސް  ސުޕްރީމް  ކޯޓުން  މިވަނީ  މެމްބަރު  އަމީތުގެ  މައްސަލަ  ބަލަން  ފަށާފައެވެ.  ދާއިރާގެ  ރައްޔިތުންގެ  އުއްމީދަކީ  މިމައްސަލަ  ކޮންމެވެސް  އެއްގޮތަކަށް  ނިމި  މަޑުއްވަރީ  ދާއިރާގެ  މެމްބަރު  މުހައްމަދު  އަމީތަށް  މަޖިލީހަށް  ވަދެވޭގޮތްވުމެވެ.  ނުވަތަ  މެމްބަރު  އަމީތުގެ  ގޮނޑި  ގެއްލިއްޖެނަމަ  ބައި  އިލެކްޝަނެއް  ބާއްވާ  ދާއިރާ  ތަމްސީލުކުރާނެ  މެމްބަރެއް  ވީހާވެސް  އަވަހަކަށް  ދެއްކުމެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
...