އިންޓަ ރިޒޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ޖޯލި ބީންއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ބީންއިން ހޯދާފައިވަނީ މިއަދު ހަވީރު ޖޯލި މޯލްޑިވްސްގައި އެ ރިޒޯޓާއި ބައްދަލުކުރި ފައިނަލް މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗަށް ޖޯލި މޯލްޑިވްސް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއް ވަނަ ޓީމުގެ ގޮތުގައެވެ. ޖޯލި ބީން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި ކޯރާކޯރާ ބަލިކޮށްގެންނެވެ. މި މުބާރާތުގައި ޖުމްލަ ފަސް ރިޒޯޓަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޖޯލި މޯލްޑިވްސް އަދި ޖޯލި ބީންގެ އިތުރުން ކޯރާކޯރާ، ދިގަލި މޯލްޑިވްސް އަދި ޝިޔާމް ވޯލްޑްއިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ގޯލްޑަން އިޔަރ އިންޓަރ ރިޒޯޓު ވޮލީ ބޯޅަ މުބާރާތުގެ ނަމުގައެވެ.