ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ރ.މިދޫގައި ފަށަނީ
ރ.މީދޫގައި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ދިރާގުން ފަށައިފިއެވެ. މިގޮތުން ދިރާގުން ފޮރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓްގެ ޚިދުމަތް އަދި ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
މީހުން ދިރިއުޅޭ ގޭގެއަށާއި ވިޔަފާރިތަކަށްވެސް ދިނުމަށް ހަމަޖެހިފައިވާ މިޚިދުމަތުގެ ޢަމަލީ މަސައްކަތް ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ފެށިފައިވާއިރު، މިހާރު ކުރިއަށްދަނީ ޚިދުމަތް ދިނުމަށް ބޭނުންކުރާ ކޭބަލް ވަޅުލުމާއި ގޭގެއަށް ކަނެކްޝަން ކޭބަލް ވެއްދުމުގެ މަސައްކަތެވެ.
މިދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ދިރާގުގެ އޮފިޝަލަކު ވިދާޅުގޮތުގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ގާތްގަނޑަކަށް މަހެއްހާ ދުވަހުގެތެރޭގައި ނިންމާ، ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ޚިދުމަތްދޭން ފެށޭނެކަމަށެވެ. އަދި މިހާރު ކަނެކްޝަން ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިއަށްދާއިރު، ހިލޭ ކޭބަލް ކަނެކްޝަން ގޭގެއަށް ވައްދަމުންތާވީވެ މީހުން ދިރިއުޅޭ ގޭބިސީތަކުން ޚިދުމަތް ބޭނުންފުޅުވާނަމަ އެވަގުތަކު މަސައްކަތް ކުރިއަށްދާ ޞަރަހައްދުގައި ހިމެނޭ ގޭތަކުން އެކަމަށް ރިކުއެސްޓް ކުރެއްވުމަށްވެސް އެފަރާތުން އެދިލައްވައެވެ.
ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑްކަމަށްވާ 100 އެމްބީޕީއެސް އާއި ހަމައަށް އަދި އެންމެ ބޮޑެތި އެލްވަންސްތައް ހިމެނޭ އިންޓަނެޓް ޕެކޭޖްތައް މިޚިދުމަތުގެ ތެރޭގައި ހިމެނެއެވެ. އަދި ގާތްގަނޑަކަށް 100 ވަރަކަށް ޗެނަލް ހިމެނޭ ދިރާގުޓީވީ ޚިދުމަތަށް ދައްކަން ޖެހެނީ މަހަކު 300 ރުފިޔާއެވެ. ފައިބާރ ބްރޯޑްބޭންޑްގެ ޚިދުމަތުގެ ދަށުން އިންޓަނެޓް އަދި ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދޭނީ އެންމެ ކޭބަލް ކަނެކްޝަނަކުންނެވެ. މިޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން ދިރާގުގެ ފަރާތުން ޙާއްޞަ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިރާގުގެ އޮފިޝަލު ވިދާޅުވިއެވެ.
މިއީ، ރ. އަތޮޅުގައި ދިރާގުގެ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ރަށެވެ. މިގޮތުން މިދިޔަ އަހަރު ދުވާފަރުގައި މިޚިދުމަތް ދޭން ފަށާފައިވާއިރު، މިއަހަރު އަލަށް މިރަށުގެ އިތުރުން އަލިފުށި އަދި ވެރިކަންކުރާ ރަށް އުނގޫފާރުގައިވެސް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިރާގުން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...