އެމް.ޑީ.އެންގެ ރިޕޯޓް ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް މީދޫ ކައުންސިލުން ގޮވާލައްވައިފި
މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އިސްލާމްދީނަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެ ނެރުނު ރިޕޯޓު ކުށްވެރިކޮށް އެ ފަރާތްތަކާއިމެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށް މީދޫ ކައުންސިލުން ގޮވާލައްވައިފިއެވެ.   މީދޫ ކައުންސިލްގެ ރައީސް، ނައިބު ރައީސް އަދި ކައުންސިލް މެމްބަރު ސޮއިކުރައްވާ ނެރެއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމުޢިއްޔާއިން ނެރެފައިވާ ރިޕޯޓަކީ އެ ޖަމުޢިއްޔާއިން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށް ކައުންސިލުންދެކޭ ކަމަށާއި އެ ޢަމަލު ރަށު ރައްޔިތުންނާއި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.   މީގެ އިތުރުން އެ ރިޕޯޓަކީ ޤާނޫނު އަސާސީގެ އެތައް މާއްދާތަކަކާއި ޙިލާފު ރިޕޯޓެއްކަންވެސް ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ބަޔާން ނިންމަވާލައްވަމުން މި ކުށަށް ދަޢުވާ އުފުލަން ޖެހޭ ފަރާތްތަކާއިމެދު ލަސްނުކޮށް ފިޔަވަޅު އެޅުއްވުމަށް ދަޢުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކުރައްވާފައިވެއެވެ.   އެމް.ޑީ.އެންއިން ނެރުނު ރިޕޯޓުގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަން ފެށުމުން އެ ޖަމުޢިއްޔާއިންވަނި އެ ރިޕޯޓު އަނބުރާ ގެންގޮސްފައެވެ. އެހެންނަމަވެސް ފަހުން އެ ޖަމުޢިއްޔާގެ އިސް ފަރާތްތަކުން އެ ރިޕޯޓުގެ ދިފާޢުގައި ވާހަކަދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...