މާރާލާ ކޮންމެ 3 ބުޅަކަށް އުނގޫފާރު ކައުންސިލުން 100 ރުފިޔާ! ރަނގަޅު ގޮތެއްބާ؟
ރ. އުނގޫފަރުގައި ބުޅާ ގިނަވެ އާއްމު އުނދަގުލަކަށްވެފައިވާތީ ފައިސާ ދީގެން ބުޅާ މެރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންދަން އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ.   އުނގޫފާރު ކައުންސިލުން މިއަދު ސަރުކާރުގެ ގެޒެޓުގައިކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބުޅާ ހިފާ ކައުންސިލާ ހަވާލުކުރާ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭނެކަމަށާއި އަމިއްލަ ބޭނުންތަކަށް ބުޅާ ގެންގުޅޭނަމަ ގެންގުޅެންޖެހޭނީ އާއްމުންނަށް އުނދަގޫ ނުވާނެ ގޮތަކަށްކަމަށެވެ.   މިގޮތަށް މަރާލުމަށްފަހު ކައުންސިލާ ހަވާލުކުރެވޭ ބުޅާތައް ރައްކާތެރިގޮތެއްގައި ވަޅުލުމުގެ އިންތިޒާމުތައް އުނގޫފާރު ކައުންސިލުން ހަމަޖައްސާނެކަމަށް އެކައުންސިލްގެ ރައީސް ބައެއް މީޑިޔާތަކަށް މަޢުލޫމާތުދެމުން ވިދާޅުވެފައިވެއެވެ. އުނގޫފާރު ކައުންސިލުން ބުޅާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 11:00އަށެވެ.   އުނގޫފާރު ކައުންސިލްގެ މި ނިންމުމާއިއެކު ގިނަ ބަޔަކު އަންނަނީ މީސް މީޑީޔާގައި މި ނިންމުމަށް ފާޑުކިޔަމުންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އިސްމާއިލް އަލީ ދީދީ ނަމުގައި ފޭސްބުކްގައި ޕޯސްޓެއްކޮށްފައިވާ މީހަކު ބުނެފައިވަނީ "އުނގޫފާރު ކައުންސިލުން ގޮވާލަނީ ޖިނާއީ ކުށަކަށް އަރައިގަންނަންތޯ؟" މިހެންނެވެ.   މީގެ އިތުރުން މަޝްހޫރު ސޯޝަލް މީޑީޔާ އެކްޓިވިސްޓް ލޫކަސް ޖަލީލްކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ވަރަށް އަނިޔާވެރި ނިންމުމެއް. ބުޅާ މަދުކުރެވޭނެ އެހެން ގޮތްތައްވެސް ހުންނާނެ. ދައުލަތުގެ ނިޝާން ޖަހާފަ ދިރޭތަކެތި މަރާ މީހުންނަށް އިނާމު ދޭން އެނގުމަކީ ދެވޭ ގޯސް މެސެޖެއް. މި ނިންމުން ބަދަލުކޮށް ކައުންސިލުން މާފަށް އެދެން ޖެހޭ" މިހެންނެވެ.   ގިނަ ބަޔަކު އަންނަނީ އުނގޫފާރު ކައުންސިލްގެ މި ނިންމުމަށް ބަދަލުކުރުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ޖަނަވާރުންނަށް އަނިޔާވެރިވުމަކީ ޤާނޫނުލްއުޤޫބާތު ބުނާ ގޮތުން ކުށެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...