ރ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މި ފެށޭ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީގެ އެމް.ޑީ ވިދާޅުވެއްޖެއެވެ.

ބަނދަރުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މީދޫ ކައުންސިލުން މިއަދު ވަނީ އެމް.ޓީ.ސީ.ސީގެ އެމް.ޑީއާއި ބައްދަލު ކުރައްވާފައެވެ. ކައުންސިލްގެ ފަރާތުން އެމް.ޓީ.ސީ.ސީގެ އެމް.ޑީއާއި ބައްދަލު ކުރެއްވީ ކައުންސިލްގެ ނައިބު ރައީސް އަލީ ރަޝީދު އަދި ކައުންސިލް މެމްބަރު މުޙައްމަދު ޝިހާމްއެވެ.

އެ ބައްދަލުވުމަށްފަހު މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، ފެބްރުއަރީ މަހުގެ ފަހުކޮޅު މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އެމް.ޓީ.ސީ.ސީގެ އެމް.ޑީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިކަމަށެވެ.

މީދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ ވެރިކަމުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ތެރެއިން ބަނދަރު ބޮޑު ކުރުމުގެ ގޮތުން މިހާރުގެ ބަނދަރާއި އިންވެގެން 100 ފޫޓުގެ ޓީޖެޓި، 159 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، ބޮޑުހިލަ ނެރުފައިކައްޓާއިއެކު ނެރުބައްތި، 300 ފޫޓަށް ބަނދަރު ބޮޑުކުރުމާއިއެކު ވާޓަރު ޤާއިމުކޮށް، 172 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓާއި އެކު 20 މީޓަރުގެ ގުރޯއިން ޤާއިމުކުރުމުގެ މަސައްކަތް ކުރާ ގޮތަށް ވަނި ހަމަޖެހިފައެވެ.

މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 48 މިލިއަން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.