ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ށ. ފުނަދޫ އަދި ރ. ރަސްގެތީމު ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރު ކުރިއަށް ގޮސްފައިވަނީ މި ނިމިގެންދިޔަ ހަފްތާ ބަންދުގައެވެ. މި ދަތުރާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު ނަޢީމް ވިދާޅުވީ، މި ދަތުރަކީ ދެ ސްކޫލްގެ މެދުގައި ގުޅުން ބަދަހިކޮށް ތަޖުރިބާއި ހިއްސާ ކުރުމާއި މުވައްޒަފުންނަށް ތަފާތު މާޙައުލެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރެވުނު ދަތުރެއް ކަމަށެވެ.

މި ދަތުރުގެ ތެރެއިން ށ. ފުނަދޫ ސްކޫލްގެ މުވައްޒަފުންނާއި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނާއި ދެމެދު އެކުވެރިކަމުގެ ފުޓްސަލް އަދި ނެޓުބޯޅަ މެޗެއް ކުޅެފައިވެއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ށ. ފުނަދޫ ސްކޫލްގެ މެދުގައި ކުޅެވުނު ފުޓްސަލް މެޗުގެ ތެރެއިން | ފޮޓޯ: ރ،. އަތޮޅު ތަޢުލީމީ މަރުކަޒު

ތަޢުލީމީ މަރުކަޒުގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން ބައިވެރިވި މި ދަތުރުގައި ރަސްގެތީމު ސްކޫލަށް ޒިޔާރަތް ކުރުމުގެ އިތުރުން ރ. އަނގޮޅިތީމުގައި ކުރިއަށްދިޔަ ރ. ޓޫރިޒަމް އެކްސްޕޯގެ އަތްތެރި މަސައްކަތުގެ މަޢުރަޒަށްވެސް ސްކޫލްގެ މުވައްޒަފުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރ. އަތޮޅު ތަޢުލީމީ މަރުކަޒަކީ އަބަދުވެސް ވަރަށް ބަދަޙި މުވައްޒަފުންތަކެއް މަސައްކަތްކުރާ ސްކޫލެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.