ރ. މީދޫގައި ސަރުކާރުން ތަރައްޤީ ކުރާ ޓާރފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާލާފައިވާއިރު، މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ ދަނޑުގެ ވަށާ ފާރާއި ފެންސުގެ މަސައްކަތްތަކެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވީ، އަމާޒަކީ މިހާރު ކުރިއަށްދާ މަސައްކަތްތައް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުންކަމަށެވެ.

ޓާރފް ދަނޑުގެ ސަބްބޭސްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު، ދަނޑުގައި ޓާރފް އެޅުމަށް ހަވާލުކޮށްފައިވާ މައިނާ ސްޕޯޓްސް ފީލްޑް ކުންފުންޏަށް މިހާރު ވަނީ ޓާރފް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގާފައެވެ. މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެއްވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، މަސައްކަތް ފެށުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ކުންފުނިން މީދޫއަށް އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ސަބްބޭސްގެ ފެންވަރު ބެލުމަށްފަހު ޓާރފް އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ރ. މީދޫގެ ޓާރފް ދަނޑުގެ މަސައްކަތް ފަށާފައިވަނީ2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުއަކީ ދައުލަތުގެ ބެޖެޓުން ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.