ރ. އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު މިފަހަރުވެސް އުނގޫފާރުގައި ބާއްވަން އިޢުލާނުކުރި ފަހުން، އެ މުބާރާތް އުނގޫފާރުގައި ނުބާއްވާނެކަމަށް އުނގުފާރު ކައުންސިލުން ނިންމުމާއި ގުޅިގެން އަތޮޅު ކައުންސިލް މިއަދު އެކަމާއި ގުޅޭ ނޫސް ބަޔާނެއް ނެރެފިއެވެ. އަތޮޅު ކައުންސިލްގެ ނޫސް ބަޔާނުގައި ވަނީ އުނގޫފާރުގައި މުބާރާތް ބޭއްވުމާއި ގުޅޭ ގޮތުން ތަފްސީލު ހިއްސާކޮށްފައެވެ.

އަތޮޅު ކައުންސިލުން ބުނެފައިވަނީ، މިއަހަރުގެ މުބާރާތް އުނގޫފާރުގައި ބާއްވަން ނިންމާ އެކަން އިޢުލާނު ކުރީ އުނގޫފާރު ކައުންސިލާއި މަޝްވަރާކޮށް އުނގޫފާރު ކައުންސިލް މެމްބަރުން އުނގޫފާރުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިކަން ފާޅު ކުރުމުންކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ސީނިއަރ މެނޭޖްމެންޓް ޓީމާއި އުނގޫފާރު ކައުންސިލް ބޭއްވި ބައްދަލުވުމެއްގައި، އުނގޫފާރުގައި މުބާރާތް ބާއްވަން އުނގޫފާރު ކައުންސިލުން ނުހަނު ބޭނުންވާކަމަށާއި އެކަމުގެ ސަބަބުން ދަނޑުގެ އާބާތުރަތައް ފިލާ ރަށަށްވެސް އެކި ގޮތްގޮތުން ފައިދާ ވާކަމަށް އުނގޫފާރު ކައުންސިލުން ބުނިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މުބާރަތް އުނގޫފާރުގައި ބާއްވަން ކައުންސިލުން ރަސްމީކޮށް ޝައުޤުވެރިކަން ފާޅުނުކުރީ، މުބާރާތް ބޭއްވުމުގެ ކެޕޭސީޓީ އެރަށު ކައުންސިލުގައި ނެތުމުން ކަމަށާއި އަތޮޅު ކައުންސިލުން މުބާރާތުގެ ހުރިހާ ކަމެއް ކުރާނަމަ މުބާރާތް ބާއްވަން ނުހަނު ބޭނުންވާ ކަމަށް އެ ބައްދަލުވުމުގައި ބުނެފައިވާކަމަށްވެސް އަތޮޅު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އުނގޫފާރު ފުޓްސަލް ދަނޑަކީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވާތަނެއް ކަމުން، އެ ދަނޑު ހޯދުމަށާއި ދަނޑުގެ މަރާމާތުތައް ކުރުމަށް އެ މިނިސްޓްރީއާއެކު ލިޔެކިއުންތައް ބަދަލުކޮށް ހުރިހާ މަސައްކަތެެއް ނިމިފައިވާކަމަށްވެސް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، އުނގޫފާރުގައި މުބާރާތް ބާއްވަން އިޢުލާނު ކުރުމުން އުނގޫފާރުގެ ބައެއް ފަރާތްތަކުން ކުރިމަތިކުރުވި ފާޑުކިޔުންތަކުގެ ސަބަބުން، އުނގުފާރު ކައުންސިލުން ނިންމި ނިންމުމާއި ގުޅިގެން އަތޮޅު ކައުންސިލް ބަދުނާމުވާ ގޮތަށް ދެކެވޭ ވާހަކަތަކާއި އަތޮޅު ކައުންސިލުގެ ނިންމުމަކީ އެއްވެސް ފަރާތަކާއި މަޝްވަރާ ނުކޮށް ނިންމި ނިންމުމެއްކަމެއް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައެވެ.

އުނގޫފާރުގައި މުބާރާތް ނުބާއްވަން އެރަށު ކައުންސިލުން ނިންމުމުން، މުބާރާތް ބާއްވާނެ އެހެން ރަށެއް ކަނޑަައަޅާ އިޢުލާނު ކުރާނެ ކަމަށް އަތޮޅު ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ.