ގޮޅިން ބޭރަށް ފާހަގަ ނުކުމެފައިވާ ކޮންމެ ވޯޓަކީ ބާތިލު ވޯޓެއް ނޫން
ރިޔާސީ އިންތިޚާބުގައި ވޯޓުލާއިރު ފާހަގަ ޖަހަން ކަނޑައަޅާފައިވާ ގޮޅިން ބޭރަށް ނުކުންނަ ގޮތަށް ފާހަގަލައިފިނަމަ ވޯޓު ބާތިލުވާނެކަމަށް މީސްމީޑިޔާގައި ދައުރުވަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫނެވެ.
ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވާ މޮނީޓަރުންނާއި މަންދޫބުންނަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަތްމަތީ ފޮތުގައިވާގޮތުން ފާހަގަޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެއް ކެނޑިޑޭޓުގެ ނަމާ ދިމާގައި ނުވަތަ އެއް ކެނޑިޑޭޓުގެ ނިޝާނުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓަކީ ސައްހަ ވޯޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާގޮތުން ބާތިލު ވޯޓަކަށްވާނީ
- އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް
- އެއްވެސް ކެނޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިނުވާ ވޯޓެއް
- އެއް ކެނޑިޑޭޓަކަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު
- ވޯޓު ދީފައިވަނީ ކާކަށްކަން ކަށަވަރު ނުވާ ވޯޓު
- ޤާނޫނާއި ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު
- ރަނގަޅު ފާހަގަ ޖަހާފައި ނުވާ ވޯޓު
އެކޮމިޝަނުން ހާމަކޮށްފައިވާގޮތުން އެއް ކެނޑިޑޭޓެއްގެ ނަމާއި ދިމާލުގައި ރަަނގަޅު ފާހަގަ ޖަހާފައިވާ ވޯޓާއި، އެއް ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއްކަމުގައި ދެނެގަނެވޭނެ ވޯޓަކީވެސް ސައްހަ ވޯޓެވެ. މީގެއިތުރުން ވޯޓު ކަރުދާހުގައި ލިޔެފައި ނުވަތަ ކުރެހުން ކުރަހާފައި ހުރި ނަމަވެސް އެއް ކެނޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ޖަހާފައިވާ ވޯޓުވެސް ސައްހަވާނެއެވެ.
ފާހަގަޖެހުމުގެ ތަފާތު މިސްރާބަށް ޖަހާފައިވާ ނުވަތަ ފާހަގަޖެހުމުގައި ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރިނަމަވެސް އެއް ކެނޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައިގެ ވައްތަރެއްކަމުގައި ދެނެގަނެވޭނެ ވޯޓުވެސް ސައްހަވާނެއެވެ.
އެހެންކަމުން މީސްމީޑިޔާގައި އާންމު ރައްޔިތުންނަށް އޮޅޭފަދަ ގޮތްގޮތަށް މައުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރުގޮތެއް ނޫނެވެ. ވޯޓުލާން ދުރުވާއިރު މިފަދަ މުހިއްމު މައުލޫމާތުތައް އެނގިތިބެ ވޯޓުލާން ދިޔުމަކީ މުހިއްމުކަމެކެވެ.
ކިޔުންތެރިންގެ ހިޔާލް