އަނަސްގެ އަނިޔާވެރި މަރަށް 2 އަހަރު، އިންސާފު ކޮބާ؟
އެއީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. ހަމަ ހިމޭން ރޭގަނޑު މުޅި މީދޫ ސިއްސުވާލީ އެއްވެސް ކުށަކާ ނުލާ ތޫނު ހަންޖަރުތަކަކުން ހަމަލާ ދީ އަނިޔާވެރިކޮށް މަރާލި ޙަބަރައިގެންނެވެ.   މޫނު ފޮރުވައިގެން ތިބި ބަޔަކު އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސްގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިން ހަމަލާ ދީގެންނެވެ.   އަނަސްގެ އަނިޔާވެރި މަރަށް މިއަދު ބަރާބަރު 2 އަހަރުވެފައިވާއިރު އަދިވެސް މީދޫގެ ހަމަ އެންމެ ރައްޔިތެއްވެސް އަނަސްގެ މަތިން ހަނދާނެއް ނުނެތެއެވެ. ނުވެސް ނެތޭނެއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެންމެން ގޮވަމުން އަންނަނީ އެ އަނިޔާވެރި މަރަށް އިންސާފުވެރި ޝަރީޢަތަކުން އިންސާފު ހޯދަދޭށެވެ.   އަނަސްގެ މަރަށް 2 އަހަރު ވެގެންދިޔައިރު އިންސާފު ލިބޭނެކަމުގެ ކޮޅުމަތިވެސް ނުފެނެއެވެ. ހައްޤަކާއި ނުލާ މަރާލި ފުރާނައެއްގެ މައްސަލަ ކޯޓުގައި ހިނގަމުންދަނީ ބަރަވެލި ދުވެލީގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޝަރީޢަތެއް ތަޢާވަލުކޮށްފިނަމަ ކޮންމެވެސް ސަބަބަކާއި ހުރެ ޝަރީޢަތް ކެންސަލްކޮށްލައެވެ.   އަނަސްގެ މަރުގެ މައްސަލައިގައި ދަޢުލަތުން ޖުމްލަ 7 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު މި ހުރިހާ މައްސަލައެއްވެސް ކުރިއަށްދަނީ އިންސާފު ނުލިބޭނެކަމަށް ޤަބޫލް ކުރެވޭހާ ދުވެލި މަޑުކޮށްކަން ފާހަގަކޮށްލެވެއެވެ. މިއީ ހުރިހާ އެންމެންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.   އެދުވަހެކޭ އެއްގޮތަށް މިއަދުވެސް އެންމެން ތިބީ އަނަސްއަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ގޮވަމުންދަނީވެސް ހަމަ އެ ގޮވުމެވެ. ﷲ އަނަސްގެ ފުރާނައަށް ސުވަރުގޭ ދާޢިމީ ނިޢުމަތް ދެއްވާ ފާފަތައް ފުއްސަވާށި. އާމީން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...