އާއްމު ބައްދަލުވުމުގެ ކުރިން އާއްމުކުރަން ޖެހޭ ރިޕޯޓުތައް މީދޫ ކައުންސިލުން އަދި އާއްމެއް ނުކުރޭ!
އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުމުގެ ގޮތުން އުފައްދާފައިވާ ކައުންސިލްތަކުން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހު އަދި ޖުލައި މަހުގެ ތެރޭގައި ރައްޔިތުންގެ އާއްމު ބައްދަލުވުމެއް ބޭއްވުމަށް ކައުންސިލްތަކުގެ މައްޗަށް ޤާނޫނުން ލާޒިމްކޮށްފައިވެއެވެ.   ފެބްރުއަރީ މަހުގައި ބާއްވާ ބައްދަލުވުމަކީ ފާއިތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުގެ އިތުރުން އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށައެޅުމަށްޓަކައި ބާއްވަން ޖެހޭ ބައްދަލުވުމެކެވެ. އަދި ޖުލައި މަހުގެ ތެރޭގައި ބާއްވަން ޖެހޭ ބައްދަލުވުމަކީ ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށައަޅާ ޚިޔާލު ހޯދުމަށް ބާއްވަން ޖެހޭ ބައްދަލުވުމެކެވެ.   ޤާނޫނު ބުނާ ގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 ދުވަސް ކުރިން ކައުންސިލުން އާއްމު ބައްދަލުވުމުގައި ހުށައަޅާ ރިޕޯޓުތައް އާއްމުކޮށް ހާމަކުރަންޖެހެއެވެ. މި ޤާނޫނުގައިވާ ގޮތަށް މީދޫ ކައުންސިލުންވެސް މި ހިނގާ ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ރޭ މީދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމާ މިހާރުވަނީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.   އެހެންނަމަވެސް، ބައްދަލުވުމަށް 4 ދުވަހަށްވެފައިވާއިރު އަދިވެސް މީދޫ ކައުންސިލުން އާއްމުކުރަން ޖެހޭ އެއްވެސް ރިޕޯޓެއް ކައުންސިލްގެ ނޯޓިސް ބޯޑުގައިވެސް، އަދި ކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް އިޢުލާންކޮށްފައެއްނުވެއެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުން ކައުންސިލްގެ ވެބްސައިޓާއި، ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި މި ރިޕޯޓުތައް އާއްމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.   މިކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން މީދޫ ކައުންސިލްގެ ޑިރެކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ، ޤާނޫނުގައި އެގޮތަށް އޮތް ނަމަވެސް އެއްވެސް ފަހަރަކު އެހެން ނުހަދާ ކަމަށާއި މިކަމާއި ގުޅިގެން އިތުރު ކޮމެންޓެއް ނެތްކަމަށެވެ.   މީދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން އޮތީ ޖުލައި 29 ވަނަ ދުވަހުގެ ރޭ އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގެ ހޯލްގައެވެ. ކައުންސިލްގެ ރިޕޯޓުތަކާއި ބަޖެޓުތަކުގެ މަޢުލޫމާތު މި ބައްދަލުވުމުގައި ހަމަގައިމުވެސް ކައުންސިލުން އާއްމުކޮށް ހާމަކުރާނެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...